އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ބަލިވިއިރު، ލިވަޕޫލުން އާސެނަލްގެ މައްޗަށް ހަނި ގޮތަކަށް ކުރި ހޯދައިފިއެވެ.
މި ސީޒަންގައި، ލީގުގައި ސިޓީން މިހާތަނަށް ވަނީ ތިން މެޗު ކުޅެފައެވެ. އޭގެތެރެއިން އެ ޓީމަށް ކާމިޔާބު ކުރެވުނީ ވުލްވްސްއާއި ބައްދަލުކުރި މެޗު އެކަންޏެވެ. އޭގެ ފަހުން ޓޮޓެންހަމް އަތުން ބަލިވިއިރު ރޭ މިވަނީ ބްރައިޓަންގެ އަތްދަށުވެފައެވެ. ރޭ ބްރައިޓަން އިން އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއިން ވަނީ ސިޓީ ބަލިކޮށްފައެވެ. މިވަގުތު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ސިޓީ އޮތީ ޕޮއިންޓް ތާވަލުގެ 13 ވަނާގައެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ސިޓީންނެވެ. މި ލަނޑު 34 ވަނަ މިނެޓުގައި މާމޫޝް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ހާލަންޑްއެވެ. ނަމަވެސް 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޭމްސް މިލްނާ ވަނީ ބްރައިޓަން އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ބްރައިޓަން މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށްވެފައި ވަނިކޮށް ބްރަޔަން ގްރުޑާ ޖަހައިދިން ލަނޑުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ލިވަޕޫލަށް ފުރަތަމަ ހާފުގައި އާސެނަލްއާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ވެސް މާބޮޑު އެޓޭކެއް ފެނިފައިނުވެއެވެ.
ފުރަތަމަ ހާފާއި ހިލާފަސް ދެވަނަ ހާފުގައި ލިވަޕޫލުން ކުޅުން ރަނގަޅުކުރިއެވެ. ލިވަޕޫލަށް މި މެޗުގެ ތިން ޕޮއިންޓް ހޯދައިދިން ލަނޑު ޖެހީ، 83 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ޑޮމިނިކް ސޮބޯސްލާއީއެވެ. ކަނާތު ބެކަށް މިދިޔަ ދެ މެޗުގައި ވެސް ކުޅުނު ސޮބޯސްލާއި ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ލީގުގައި މިހާތަނަށް ލިވަޕޫލުން ކުޅުނު ތިން މެޗު ވެސް އެ ޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ. ނުވަ ޕޮއިންޓާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ވެސް ލިވަޕޫލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!