ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަޙައްދު ވަގުތީގޮތުން ބަންދުކުރަން ނިންމާފައިވާކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.

ތަނބުރުދޫ އަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ރަށެކެވެ.

Ad
rt

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން މިއަދު ކުރި ޢިއުލާނެއްގައި ބުނީ ތަނބުރުދޫ ސަރަޙައްދުގައި "ފޯ ސީޒަންސް މޯލްޑިވްސް ސާރފިންގ ޗެމްޕިއަންޝިޕް ޓްރޮފީ 2025" ބޭއްވުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ.

އެހެންވެ މި މުބާރާތް އޮންނަ މުއްދަތުގައި ތަނބުރުދޫ ސަރަޙައްދު ވަގުތީގޮތުން އާންމުންނަށް ބަންދުވާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މުއްދަތަކީ އަންނަ ސެޕްޓެންބަރު މަހުގެ 4 އިން 11 އަށެވެ.

އެކަން އާންމުކޮށް އަންގައި އިއުލާނުކުރުމާއެކު، އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، އެ މިނިސްޓްރީގެ protected.areas@environment.gov.mv އަށް އީމެއިލް ކުރުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ އެދިފައެވެ.

ކ. ތަނބުރުދޫ ތިލައިގެ ޒޮނޭޝަން މުރާޖަޢާކޮށް، ތަނބުރުދޫ ހިމެނޭގޮތަށް ތިމާވެށީގެގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި އެ ސަރަޙައްދު ކަނޑައަޅުއްވަން އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވީ 5 ނޮވެމްބަރު 2020 ގައެވެ.

މި ސަރަޙައްދު ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުއްވި މައިގަނޑު މަޤްޞަދަކީ، ކ. ތަނބުރުދޫ އާއި އެ ރަށް ވަށައިގެންވާ މާޙައުލަކީވެސް ޤުދުރަތީ އަދި ތަބީޢީ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދަކަށްވާތީއެވެ.

އެރަށުގެ ރާޅުގަނޑަކީ ރާޅާއެޅުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ރާޅުގަނޑެކެވެ. ރާޅާއެޅުންތެރިން ތަނބުރުދޫ ރާޅުގަނޑު "ވޯލްޑް ކްލާސް" މަންޒިލެއްގެ ގޮތުގައި ސިފަކުރާއިރު، އެއީ ބޮޑެތި ބިޔަ ދިގު ރާޅުތަކެއް ނަގާ ހިސާބެކެވެ. އާންމު ސީޒަނެއްގައިނަމަ ހަތަރު ފޫޓާއި ހަ ފޫޓުގެ އުސް ރާޅުތައް މިތަނުގައި ނަގާކަމަށް ވެއެވެ.

ސަލްޓަންސްގެ ނަމުން ޓޫރިސްޓުންގެ މެދުގައި މަޝްހޫރުވެފައިވާ މި ޕޮއިންޓަށް ދިވެހި ޒުވާނުން ކިޔަނީ ''ތަނބުރުދޫ ކަންމަތި'' އެވެ.