ދ. ވައިކަރަދޫގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މިޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވައިކަރަދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ވައިކަރަދޫގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދެއްވުމަށް ސަރުކާރުގެ ތަސައްވުރުގައި ހުރި މަޝްރޫޢުތަކުގެ ތަފްސީލު ހާމަކުރެއްވިއެވެ. އެގޮތުން، އެރަށުގައި ފުރިހަމަ ފުޓްބޯޅަ ދަނޑަކާއި، އައުޓްޑޯ ޖިމެއް، ހޭންޑްބޯލް ކޯޓެއް އަދި ސްކޭޓް ޕާކެއް ޤާއިމުކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މިޢިއްޒު ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން ފަތާ ޓްރެކްގެ މަސައްކަތުގެ އިތުރަށް، ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ކުރަންޖެހިފައިވާ ކަމަށާއި، ނިންމަންވެފައި އޮތް މަސައްކަތަކަށްވާތީ، ވަރަށް އިސްކަންދީގެން، ވަރަށް އަވަހަށް އެ މަޝްރޫޢު ކުރިއަށްގެންދެވޭނެ ކަމަށެވެ.

''ފުޓްބޯޅަ ދަނޑު، އަދި ޖުމްލަކޮށް ހުރިހާ ދަނޑެއްވެސް އަޅުގަނޑުމެން މިހާރު ހަދާގޮތަކީ، ވަށައިގެން ފެންސްޖެހި، ފާރާއި ފެންސާއި ޖެހި، އަދި ލައިޓްވެސް ހަރުކުރެވިފައި ހުންނަގޮތަށް ފުޓްބޯޅަ ދަނޑުތައް ހަދަނީ. އެހެންވީމާ، ފުރިހަމަކުރެވިގެންދާ ދަނޑަކާއި، އަދި އޭގެއިތުރަށް، މިހާރު ކުރިއަށްދާ، ކުރިއަށްގޮސް ނުނިމިހުރި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ނިންމުމާއި، އަދި އޭގެއިތުރަށްވެސް، މި ރަށުގައި ކުޅިވަރާ ގުޅޭ އެކިއެކި ކަންކަން ހިމެނޭނެ ގޮތަށް އަޅުގަނޑުމެން މަޝްރޫޢުތައް ކުރިއަށްގެންދަން ނިންމާފައި މިވަނީ.'' ރައީސް ވިދާޅުވެފަވެއެވެ.

މީގެއިތުރުން، މިހާރު ކުރިއަށްދާ، ނުނިމިހުރި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ނިންމުމާއި، ހޭންޑްބޯލް ކޯޓެއް ޤާއިމުކުރުމާއި، އައުޓްޑޯ ޖިމްއެއް ޤާއިމުކުރުން ވެސް ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިހުރިހާ ކަމެއްގެ ތެރެއިން ފެށިފައި ހުރި ކަންކަން، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ނިންމައިދެއްވާނެ ކަމަށާއި، ހޭންޑްބޯލް ކޯޓުގެ މަސައްކަތް މި އަހަރު ފަށައިދެއްވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު ވައިކަރަދޫ ރައްޔިތުންނަށް ވެފައިވާ ސްކޭޓިންގ ޕާކެއް ހަދައިދެއްވުމުގެ ވަޢުދުގެ މައްޗަށް ވެސް އަލިއަޅުވައިލެއްވިއެވެ. މި މަޝްރޫޢު، އެމް.ޓީ.ސީ.ސީ.އާ ހަވާލުކުރެވިފައިވާ ކަމަށާއި، އެމް.ޓީ.ސީ.ސީ.އިން އެ މަޝްރޫޢު ކުރިއަށް ގެންދަން، ޢަމަލީ މަސައްކަތް ފެށުމަށް މިހާރު އެވަނީ ތައްޔާރުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޑިޒައިނިންގ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، ކައުންސިލްގެ ފަރާތުން ބިންވެސް ހަމަޖެހިފައިވާތީ، ގިނަވެގެން މި އަންނަ ސެޕްޓެންބަރު މަސް ނިމުމުގެ ކުރީގައި، ސްކޭޓް ޕާކުގެ މަސައްކަތް ފަށައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.