ހދ. ނާގޯށީގެ މަސައްކަތް ފެށުމަށް އެމް.ޓީ.ޑީ.ސީ އަށް މަގުފަހިކޮށްދީ، އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިކަން ރައީސް ފާހަގަކުރެއްވީ ހދ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ހދ. އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު ނާގޯށީގެ މަސައްކަތް ފެށުމަށް އެމް.ޓީ.ޑީ.ސީ އަށް ވަނީ މަގުފަހިކޮށްދީފައެވެ. މިއީ ވަރަށް ދުވަސްވެފައިވާ އަދި އަމަލީ މަސައްކަތް ފެށިފައިނުވާ މަޝްރޫޢެއް ކަމަށް ފާހަގަކުރައްވައި، ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު، އެމްޓީޑީސީން މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މޮބިލައިޒްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހދ. އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނާނެ ކަމުގެ ޔަޤީންކަން އެބައޮތެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ހދ. އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ޓޫރިޒަމް ތަރައްޤީވެފައިވާ އަތޮޅަކަށް ހެދުން" ރައީސް ވިދާޅުވިއެވެ.

މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، ހދ. އަތޮޅުގެ ވަރަށް ގިނަ ފަޅުތައް މިހާރުވެސް ގިނަ ލުއިތަކާއެކު ޓޫރިޒަމް ތަރައްޤީކުރުމަށް ހުޅުވާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ނާގޯށީގައި ރިސޯޓެއް ތަރައްގީކުރަން އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. އޭރު އެރަށުގައި ރިސޯޓެއް ތަރައްގީކުރުމަށް ސަބްލީޒްކުރީ ރަޝިއާގެ ކުންފުންޏަކަށެވެ. އެފަރާތުން ހަރަދުކޮށް މަސައްކަތްތަކެއްވެސް ކުރިކަމަށް އެމްޓީޑީސީން ވަނީ ބުނެފައެވެ. ނަމަވެސް 2012 ވަނަ އަހަރު ދިމާވި މާލީ ހާލަތާއި ގުޅިގެން އެކުންފުންޏަކަށް ޕްރޮޖެކްޓް ކުރިއަށް ނުގެންދެވުނެވެ.

2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް ނެގުމަށްފަހު 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން ރަށް ލިބުމުން އެއަހަރު ވަނީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ރަށް ތަރައްޤީކުރުމަށް ދީފައެވެ. ނަމަވެސް 3 އަހަރު ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. ވުމާއެކު މި އެގްރިމެންޓް ވަނީ އުވާލާފައެވެ.

ނާގޯށީގެ 33 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އެމްޓީޑީސީން ކުރިއަށްއޮތް ތަނުގައި ނާގޯށި ތަރައްޤީކުރުމަށް ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ނާގޯށި ފުރަތަމަ ހުޅުވިގެންދާއިރު 183 ކޮޓަރި ހުންނައިރު އޭގެ ތެރޭގައި ހިމެނެނީ 100 ވޯޓަރ ވިލާ އާއި 83 ބީޗް ވިލާއެވެ.