ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޔުއެފާ ސްޕަ ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. ރޭ މެޗު ޕީއެސްޖީން ކާމިޔާބުކުރީ ޓޮޓެންހަމުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑުޖަހައި (2-2) އެއްވަރުކޮށް ޕެނަލްޓީގައި 4-3 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ

ޔުއެފާ ސްޕަ ކަޕްގައި ވާދަކުރަނީ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނާއި، ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންނެވެ. ސްޕަ ކަޕްގައި ޕީއެސްޖީ ވާދަކުރީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. އަދި ޓޮޓެންހަމް އަކީ އެންމެ ފަހުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންނެވެ.

Ad
rt

މެޗު ފަށައިގެން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައީ ޕީއެސްޖީންނެވެ. ޓޮޓެންހަމުން ކުޅެމުންދިޔައީ ޑިފެންސަށް ވަރަށް ބޮޑަށް އިސްކަން ދީގެންނެވެ. ނަމަވެސް ލިބޭ ފުރުސަތުތަކުގައި ކުރިއަށްޖެހި ޓޮޓެންހަމުން ދިޔައީ ޕީއެސްޖީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި ޓޮޓެންހަމުން ލީޑު ނެގީ 39 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ވެން ޑަ ވީން އެވެ. ދެވަނަ ހާފު ފެށިތާ ތިން މިނެޓްތެރޭ ޓޮޓެންހަމުން ވަނީ އެ ޓީމްގެ ދެވަނަ ލަނޑުޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ރޮމޭރޯއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ހިލޭ ޖެހުމަކުން ޕެޑްރޯ ޕޯރޯ ހުރަސްކޮށްދިން ބޯޅައަކަށް އަރާ ބޮލުން އެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

ދެ ލަނޑުން ފަހަތަށް ވެއްޓުމާއިއެކު ޕީއެސްޖީން ވަނީ ޓީމް އެޓޭކަށް ޖައްސައި ލަނޑުޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޓޮޓެންހަމުގެ ޑިފެންސުން ޕީއެސްޖީގެ ގިނަ ހަމަލާތަކެއް ހުއްޓުވިއެވެ. ޕީއެސްޖީއަށް މެޗުގެ ފުރަތަމަ ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލީ ކަން އިން އެވެ. ޕީއެސްޖީން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. ޑެމްބެލޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހާފައި ވަނީ ގޮންސާލޯ ރާމޮސްއެވެ.

އިތުރު ވަގުތުގެ ދެހާފު ނުކުޅެ ސީދާ ޕެނަލްޓީއަށް ދިޔަ މި މެޗުގައި ޓޮޓެންހަމުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީއެވެ. ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ސޮލަންކޭ، ބެންޓެންކުއާ އަދި ޕެޑްރޯ ޕޯރޯއެވެ. ޕެނަލްޓީ މިސްކޮށްލާފައި ވަނީ ވެން ޑަ ވީން އަދި މަތީސް ޓެލްއެވެ.

ޕީއެސްޖީއަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ގޮންސާލޯ ރާމޮސް، ޑެމްބެލޭ، ލީ ކަން އިން އަދި ނޫނޯ މެންޑޭޒްއެވެ. ޕެނަލްޓީ މިސްކޮށްލާފައި ވަނީ ވިޓީނިއާއެވެ.