ބ. ދަރަވަންދޫގެ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 12 ވަނަ މަންޒިލުގެ ގޮތުގައި މިރޭ ވަނީ ދަރަވަންދޫ އަށް ވަޑައިގެންފައެވެ.
ރައީސް ދަރަވަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، ރަށުގެ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތާއި އެކްސްރޭގެ ޚިދުމަތް ފެށުމަށް މިހާރުވެސް ދަނީ ތައްޔާރުވަމުންނެވެ. އަދި މި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދަރަވަންދޫގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި، އަތޮޅު މަދަރުސާގައި 8 ކްލާސްރޫމާއި އޮފީހެއް އަދި މަލްޓިޕާޕަސް ހޯލެއް އެޅުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ޒުވާނުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ފުޓުބޯޅަ ދަނޑު އިތުރަށް ތަރައްޤީކޮށް، އިތުރު ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރަށުގެ އުމްރާނީ ތަރައްޤީއަށް ބަލާއިރު، މިއަހަރުގެ ތެރޭގައި މަގުހެދުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެގޮތް ހެދުމަށްޓަކައި ލާމަރުކަޒީ އުސޫލުން އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ދަރަވަންދޫގައި ޤާއިމްކުރެއްވުމަށް ނިންމަވާފައިވާކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އަންނަ އަހަރު ވޮޗްޓަވަރެއް ޤާއިމްކުރައްވާނެ ކަމަށްވެސް ރައީސް މުޢިއްޒު އިޢުލާނުކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!