ފަލަސްތީނުގެ ޣައްޒާ ވެރިކޮށްލަން އިސްރާއީލުން ނިންމުމުން އެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކުރަށްވައިފިއެވެ.

މުޅި ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް، ޣައްޒާގެ ބިންތައް ފޭރިގަނެ ވަކި ދައުލަތެއް ގާއިމުކުރަން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން މިއަދު ވަނީ ފާސްކޮށްފައެވެ.

Ad
rt

އިސްރާއީލްގެ މި ނިންމުމާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލީ އޮކިއުޕޭޝަން ބާރުތަކުން ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް ރާވާފައިވާ ޕްލޭން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާ ކަމަށެވެ. އަދި މިފަދަ އެއްވެސް ޢަމަލަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި ފަލަސްޠީނު ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ޙައްޤަށް ބޮޑު އަރައިގަތުމެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

''މި ނިންމުމަކީ އޮކިއުޕައިޑް ފަލަސްޠީނު ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ވޭން އިތުރުކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ސުލްޙައަށާއި ސަރަޙައްދީ ސްޓެބިލިޓީއަށް ކުރިމަތިވާ ނުރައްކަލެއް'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވަނީ ފަލަސްޠީނު ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް ކުރާ ތާއީދާއި އެހީތެރިކަން ކަށާވަރުކޮށްދެއްވާކަމަށް ވިދާޅުވެފައެވެ. އަދި ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް ނުވަތަ ފަލަސްޠީނުގެ އޮތޯރިޓީއާއި މިނިވަންކަމަށް އުނިކަން ގެނައުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޣައްޒާ ފޭރިގަނެ ވަކި ވެރިކަމެއް ގާއިމުކުރަން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފި

''ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލަނީ، އިސްރާއީލުން ޣައްޒާގެ އިތުރު ކޮންޓްރޯލް ހޯދުމަށް ރާވާފައިވާ ޕްލޭން ތަންފީޒުކުރުން ހުއްޓުވުމަށާއި، ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށާއި، އޮކިއުޕައިޑް ފަލަސްޠީނު ސަރަޙައްދުތަކުގައި ހިންގާފައިވާ އެންމެހައި ޚިލާފުވުންތަކަށް ޖަވާބުދާރީކުރުވުމަށް އަވަސް އަދި އަމަލީ ފިޔަވަޅުތައް އެޅުމަށެވެ.'' ރައީސް ވިދާޅުވެފަވެއެވެ.

އިސްރާއީލުގެ ސެކިއުރިޓީ ކައުންސިލުން، ނަތަންޔާހޫގެ ޕްލޭން ފާސްކުރުމާއެކު ވަނީ މިއަދު މައިގަނޑު ފަސް ނިންމުމެއް ނިންމާފައެވެ. އެއީ ހަމާސް ރޫޅާލުމާއި، ދިރިހުރި އަދި މަރުވެފައިވާ މީހުން ވެސް ހިމެނޭގޮތަށް ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ މީހުން އަނބުރާ ގެނައުމަށާއި، ޣައްޒާ ސްޓްރިޕްއިން ހަތިޔާރު ނައްތާލުމާއި، އެ ސަރަހައްދުގެ ސެކިއުރިޓީ ކޮންޓްރޯލް އިސްރާއީލުގެ ބެލުމުގެ ދަށުގައި ބޭއްވުމާއި، އަދި ހަމާސް ނުވަތަ ފަލަސްތީނު އޮތޯރިޓީގެ ބައިވެރިވުމެއްނެތް އަމިއްލަ މަދަނީ ސަރުކާރެއް ގާއިމުކުރުމެވެ.