މުޅި ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، ޣައްޒާގެ ބިންތައް ފޭރިގަންނަން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފިއެވެ.
އިސްރާއީލްގެ ބޮޑުވަޒީރު އޮފީހުން ހުކުރު ދުވަހު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ފަލަސްތީނުގެ ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް ނެތަންޔާހޫ ހުށަހެޅި ޕްލޭން އެގައުމުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފައިވާކަމަށެވެ.
"އައިޑީއެފް (އިސްރާއީލް ޑިފެންސް ފޯސް) އިން ހަނގުރާމައިގެ ސަރަހައްދުން ބޭރުގައި ތިބި އާންމު ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއެކު ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް ތައްޔާރުވާނެ." އެ ބަޔާނުގައި ބުނެފަވެއެވެ.
މީގެ އިތުރުން، ހަނގުރާމަ ނިންމުމަށް ސެކިއުރިޓީ ކެބިނެޓުން ވަނީ 5 މައިގަނޑު އުސޫލެއް ފާސްކޮށްފައެވެ. އެއީ ހަމާސް ރޫޅާލުމާއި، ދިރިހުރި އަދި މަރުވެފައިވާ މީހުން ވެސް ހިމެނޭގޮތަށް ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ މީހުން އަނބުރާ ގެނައުމަށާއި، ޣައްޒާ ސްޓްރިޕްއިން ހަތިޔާރު ނައްތާލުމާއި، އެ ސަރަހައްދުގެ ސެކިއުރިޓީ ކޮންޓްރޯލް އިސްރާއީލުގެ ބެލުމުގެ ދަށުގައި ބޭއްވުމާއި، އަދި ހަމާސް ނުވަތަ ފަލަސްތީނު އޮތޯރިޓީގެ ބައިވެރިވުމެއްނެތް އަމިއްލަ މަދަނީ ސަރުކާރެއް ގާއިމުކުރުމެވެ.
"ސެކިއުރިޓީ ކެބިނެޓުގެ ގިނަ މިނިސްޓަރުން ދެކޭގޮތުގައި ސެކިއުރިޓީ ކެބިނެޓަށް ހުށަހެޅުނު އެހެން ޕްލޭނަކުން ހަމާސް ބަލިކުރުމަށް އަދި ރަހީނުން އަނބުރާ ގެނައުމަށް ކާމިޔާބެއް ނުވާނެ." އެ ބަޔާނުގައި ބުނެފަވެއެވެ.
"ސެކިއުރިޓީ ކެބިނެޓުން ވަނީ ހަމާސް ބަލިކުރުމަށް ޕްރައިމް މިނިސްޓަރުގެ ހުށަހެޅުން ފާސްކޮށްފައި، އައިޑީއެފްއިން ހަނގުރާމައިގެ ސަރަހައްދުން ބޭރުގައި ތިބި އާންމު ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއެކު ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް ތައްޔާރުވާނެ" ޕްރައިމް މިނިސްޓަރގެ އޮފީހާއި ހަވާލާދީ އެކްސިއޯސްގެ ރިޕޯޓަރު ބަރަކް ރަވިޑް ކުރިން ބުނެފައިވެއެވެ.
މި ބަޔާނުގައި އާންމު ރައްޔިތުންނާ ގުޅޭ ޤާނޫނީ ނަތީޖާތަކުން ދުރުވުމަށްޓަކައި ބަޔާނުގައި "އޮކިއުޕޭޝަން" މި ބަސް ބޭނުންކުރުމުގެ ބަދަލުގައި "ޓޭކްއޯވަރ" ބޭނުންކޮށްފައިވެއެވެ.
10 ގަޑިއިރަށް ދެމިގެން ދިޔަ ކެބިނެޓުގެ ނިންމުމަށްފަހު، އިސްރާއީލުގެ އިސް އޮފިޝަލަކު ޖެރޫސަލަމް ޕޯސްޓަށް ބުނެފައިވަނީ ސިފައިން ފުރަތަމަ ޣައްޒާ ސިޓީގައި ހުރި ހަމާސްގެ މައި މަރުކަޒުތަކަށް އަމާޒުކުރާނެ ކަމަށާއި، ފަހުން މެދު ސަރަހައްދުގެ ރެފިއުޖީ ކޭމްޕްތަކަށް އޮޕަރޭޝަންތައް ފުޅާކުރެވޭނެ ކަމަށެވެ.
މުޅި އޮޕަރޭޝަން މަދުވެގެން 6 މަސްދުވަސް ނަގާނެކަމަށް ލަފާކުރެވޭކަމަށް އޭނާ ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!