ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގެ އައު އިމާރާތާއި ގުޅިގެން ރައްޔިތުންގެ މެދުގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވޭތީ ކަން ހިނގާފައިވާގޮތުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުމުގެ ގޮތުން އެކަން މޭޔަރ އާޠިފް މިރޭ އޮޅުންފިލުވައިދެއްވައިފިއެވެ.

މި މައްސަލަ އާއި ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސިއްހީ ވުޒާރާއިން ހޮސްޕިޓަލްގެ އިމާރާތެއް އެޅުމަށް ކޭއާރުއެޗުގެ އުތުރު ބިން ބޭނުންކަމަށް އެދި ސިޓީ ފޮނުވުމާއި ގުޅިގެން ސިޓީ ކައުންސިލުން ވަޒީރާއި ބައްދަލުކުރަން އެދުނުކަމަށެވެ.

Ad
rt

އެގޮތުން ވަޒީރާއި ބައްދަލުވުން ހަމަޖެހުމުން މާލެ ގޮސް ބައްދަލުކޮށްފައި ސިޓީ ކައުންސިލުން ހުށަހެޅީ ކޭއާރުއެޗު އެތެރެއިން 15000 އަކަފޫޓު ޖާގައެއްގައި އެ އިމާރާތްކުރުމަށް ކަމަށާއި ރައްދުގައި ވަޒީރު ވުދާޅުވީ މިނިސްޓްރީން ބޭނުންވާ ޚިދުމަތްތައް ފުރިހަމައަށް އެތަނުގައި ތަރައްްޤީ ކުރެވޭތޯ ބެލުމަށް ފަހު ވަކި އެއްޗެއް އަންގާނެކަމަށް މޭޔަރ އާޠިފް ވިދާޅުވެފައިވެއެވެ.

ވަޒީރާއި އެކު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ސިޓީ ކައުންސިލުން ވަނީ ކޭއާރުއެޗު އެތެރޭގައި އިމާރާތްކުރެވޭނެގޮތް ނުވާނެނަމަ ހޮސްޕިޓަލް އުތުރު މަގާއި އޮރެންޖްޑެކް އިމާރާތް އޮންނަ ބިން ހޮސްޕިޓާލްގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާތްތައް ފުރިހަމަކުރުމަށް ކައުންސިލުގެ އެއްބާރުލުން ލިބޭނެ ކަމަށް ބުނެފައެވެ.

މީގެ ތެރޭގައި ލޭންޑްޔޫސް ޕްލޭންއަށް ބަދަލުގެނައުމަށް ރައްޔިތުންގެ ހިޔާލު ހޯދުމާއި، ރައްޔިތުންނަށް އެކަން ކުރަން ފެނިއްޖެނަމަ ޕްލޭން އެމެންޑްކޮށް މިނިސްޓްރީއަށް ހުށަހެޅުމާއި، މަގުގައި ވަޅުލާފައިވާ ޔުޓިލިޓީ ކޭބަލްތަކާއި ހޮޅިތައް ބަދަލުކުރުމަށް އެ ކުންފުނިތަކަށް އެންގުން ކައުންސިލުން ކުރިއަށް ގެންދާނެކަމަށް މޭޔަރ ފާހަގަކޮށްފައިވެއެވެ.

''ވުޒާރާއިން ހޮސްޕިޓަލް އެތެރޭގައި އެކަން ނުވާނެކަމަށް އެންގިނަމަ އަޅުގަނޑުމެން ރައްޔިތުން ގާތު ގޮތެއް ނިންމުމަށް އެހީމުސް. އެއީކީ ރައްޔިތުންގާތު ނާހާ ކައުންސިލަށް ދޫކުރެވޭނެ ބިމެއް ނޫންކަންވެސް ފާހަގަކޮށްލަން.'' މޭޔަރ އާޠިފް ވިދާޅުވެފައިވެއެވެ.

މޭޔަރ އިތުރަށް ވިދާޅުވެފައިވަނީ ވުޒާރާއިން އިތުރަށް ބެލުމަށްފަހު ސިޓީ ކައުންސިލަށް އެންގީ ސިޓީ ކައުންސިލުން ހުށަހެޅި ގޮތަށް އެކަން ކުރެވޭނެ ކަމަށެވެ. އެހެންކަމުން މޭޔަރ ވަނީ އެ ޕޯސްްޓުގައި ވުޒާރާއަށް ޝުކުރުދަންނަވާފައެވެ.

މީގެ އިތުރުން މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ބައިވެރިނުވާ ބައެއް ފަރާތްތަކުން ކަން ހިންގާފައިވާގޮތް ނޭންގި، ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަ ދައްކާފައިވާކަމަށް މޭޔަރ އާޠިފް ވަނީ ފާހަގަކުރަށްވާފައެވެ.