އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މޯދީގެ މި ދަތުރުފުޅަކީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދައުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ.
އިންޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް، ރައީސް މުޢިއްޒު އާއި ސަރުކާރުގެ އިސް ވަޒީރުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުން ވަޑައިގެންނެވިއެވެ.
މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިންވަނަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ދެ ދުވަހުގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދޭދޭ ގުޅުމާއި ސަރަހައްދީ މަސްލަހަތުތަކާ ގުޅޭ މަތީފަންތީގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށާއި ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް އޮންނާނީ މިއަދު މެންދުރުފަހުއެވެ.
ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަޤީންކުރަށްވާ ކަމަށެވެ.
"މާލެ އާދެވިއްޖެ. އަޅުގަނޑަށް މަރްޙަބާ ކިޔުމަށް ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން. އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަޤީން" ދިވެހި ބަހުން ކުރަށްވާފައިވާ ޕޯސްޓްގައި މޯދީ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒު ވަނީ ދެ ދަތުރުފުޅެއް އިންޑިއާ އަށް ކުރަށްވާފައެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހު މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅާއި، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އިންޑިއާއަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!