ނ. ކެނދިކުޅުދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް އެމްޓީސީސީން އިއްޔެ ފަށައިފިއެވެ.

މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ކެނދިކުޅުދުއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

Ad
rt

ބިން ބޮޑު އެ ރަށުގައި މިހާތަނަށް ބަހުގެ ހިދުމަތް ދެމުން އައީ ހަމައެކަނި ސްކޫލްތަކަށެވެ. ނަމަވެސް އެމްޓީސީސީން މިހާރު މި ހިދުމަތް ފެށުމާއެކު ރަށުގެ އާންމު ރައްޔިތުންނަށްވެސް މި ހިދުމަތް ލިބެން ފަށާފައިވެއެވެ.

އެމްޓީސީސީން މި ހިދުމަތް ދިނުމަށް ކެނދިކުޅުދުއަށް ގެންގޮސްފައިވަނީ ދެ ބަހެވެ. އޭގެ ތެރޭގައި ހިމެނެނީ 30 މީހުންގެ ޖާގައިގެ ބަހަކާއި 72 މީހުންގެ ޖާގައިގެ ބަހެކެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި ސްކޫލް ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީގެ އާރްޓީއެލް ބަހުގެ ހިދުމަތް މިހާރު ދެމުން އަންނަނީ މާލޭ ސަރަހައްދުގެ އިތުރުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ލ. އަތޮޅު، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީގައެވެ. ކެނދިކުޅުދޫގައި މި ހިދުމަތް ފެށުމާއެކު އާރްޓީއެލް ބަހުގެ ހިދުމަތް ލިބޭ ރަށްތަކުގެ އަދަދު އިތުރުވެގެން ގޮސްފައިވެއެވެ.

މި ހިދުމަތް ފެށުމަކީ ކެނދިކުޅުދޫގެ ދަތުރުފަތުރުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. ޚާއްސަކޮށް ސްކޫލް ދަރިވަރުންނާއި އާންމު ރައްޔިތުންނަށް މި ހިދުމަތުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެއެވެ.