އުތީމު ކައުންސިލްގެ ރައީސް އަބުދު ﷲ ރަޝީދު އެވަގުތު އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ހީކުރީ ފަންކާއަށް މައްސަލައެއް ދިމާވީ ކަމަށެވެ. ފަންކާ ހުއްޓިފައި އެނބުރިގަތްހެން ހީވިއެވެ. ހަމަ އެޔާއިއެކު ލޮޅުމެއް އައިކަމުގެ އިހުސާސް ހަމަ ރަނގަޅަށް ކުރެވުނެވެ. ފުރާޅަށް ފާޑެއްގެ ގުޑުމެއް އައިސް، ގޭގެ ދޮރުތައްވެސް ތެޅިގަތެވެ. އެވަގުތު ވަލު ތެރެއިން ކާޅުތައް ގޮވައިގަތީވެސް ކުއްލިއަކަށެވެ. އަބުދުﷲ ރަޝީދުގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ.
މި ގެނެސްދިނީ ރާއްޖެގެ އުތުރަށް ރޭގައި އައި 4.5 މެގްނިޓިއުޑު ބާރުމިނުގެ ބިންހެލުން އައި ވަގުތު އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދަށް އެވަގުތު ސިފަކުރެވުނު ގޮތެވެ. ރޭގެ ބިން ހެލުން އައިސްފައިވަނީ ދިއްދޫއާއި 47.2 މޭލު ބޭރުން 10 ކިލޯމީޓަރު ފުނަށެވެ
އުތީމުގައި ހުންނަ އުތީމު ބޮޑު ތަކުރުފާނު ހަނދާނީ މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ވަޒީފާ އަދާކުރަމުންދާ އެރަށު އަބުދުﷲ ރިޒާ އެވަގުތު އިނީ ބޮޑު ތަކުރުފާނު ހަނދާނީ މަރުކަޒުގެ ޑިއުޓީގައެވެ. ބިންހެލުން އައި ވަގުތު ރިޒާއަށް ހީވީ އިށީންދެ އިން ގޮނޑީގައި ފަހަތުން މީހަކު އަޅައި ކޮއްޕާލީހެންނެވެ. ސިހިގެންގޮސް އެވީ ގޮތާއި މެދު ފިކުރުކޮށްލަން އިނީއެވެ.
މުޙައްމަދު އިރުފާނު އެވަގުތު އިނީ އެރަށު މެޖިސްޓްރޭޓް ކޯޓުގެ ޑިއުޓީގައެވެ. އިރުފާން އިށީނދެ އިނީ އެ ކޯޓާއި އިންވެގެން ހުންނަ ފިހާރައަށް ކުރިމަތިވާ ހެންނެވެ. ލޮޅުމެއް އިހުސާސްވުމާއިކު ފެނުނީ ކުރިމަތީ ހުރި ފިހާރައިގެ ބިއްލޫރި ދޮރަށްވެސް ގުޑުންއަރައި، ތެޅިލި މަންޒަރެވެ. ވާނުވާ ނޭނގި އިރުފާނަށް އިންނަންޖެހުނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ.
ހއ. ވަށަފަރު މޫސާ ހަލީމް ރޭ ނިދަން އޮތީ ގޮދަޑިއެއް އެނދު ކައިރީ ތިރީގައި އަޅައިގެންނެވެ. މޫސާއަށް ސިއްސައިގެން ގޮސް ހޭލެވުނީ އަރިވާހެން ހީވެގެންނެވެ. ކުއްލިއަކަށް ކޮޅަށް ތެދުވެވުނީ ހާސްކަމާއި އެކުގައެވެ. އޭރު ގެޔަށް ލޮޅުންއަރައި، ގެ ތެޅެނީއެވެ. ހަދާނެ ގޮތް ހުސްވެ ހާސްކަމާއިއެކު މޫސަ އަވަހަށް ނުކުތީ މަގުމައްޗަށެވެ. އެވަގުތު ގޭގެ އެހެން މީހުންވެސް ހާސްކަމާއި އެކު ހޭލައިގެން މަގުމައްޗަށް ނުކުތެވެ. އެވަގުތު ކޮޅަކީ އެޢާއިލާއަށް ދިމާވި ބިރުވެރި ވަގުތު ކޮޅެކެވެ.
ހއ. ދިއްދޫއިން ވާހަކަ ދެއްކި މީހުންވެސް ކިޔައިދިން ގޮތުގައި އެމީހުން ތިބީ ލޮޅުން އެރުމުން ވާނުވާގައެވެ. ހއ. ދިއްދޫ މީހުންވެސް އެ ބިންހެލުމުގެ އަސަރު ހަމަ ރަނގަޅަށް ތަޖުރިބާ ކުރިއެވެ.
އެ ބިންހެލުމުގެ އަސަރު ހދ. އަތޮޅުން ތަޖުރިބާ ކުރި އެކަކީ ހދ. ނައިވާދޫ އަސުރުމާގޭ އަބުދުﷲ ޖަލީލެވެ. އެކުވެރިންނާއި އެކު ކޮފީއެއްގައި އިނދެފައި ގެޔަށްގޮސް އޮށޯތީ އެކެއްވެސް ޖެހިފަހުންނެވެ. ނިދަން އޮށޯތީ ގޮދަޑިއެއް އަޅައިގެން ތަޅުންމަތީގައެވެ. ޖަލީލު ބުނީ ނިދި ދެބަ ދޭތެރޭގައި އޮއްވައި ލޮޅުމެއް އެރުމުން ކުއްލިއަކަށް ހޭލެވުނީ ކަމަށެވެ. ރޭގައި އެކަން ހިނގީކީއްވެގެންކަން ނޭނގުނު ނަމަވެސް ހެނދުނުވުމުން ރަށުތެރެއިން އެވާހަކަ އަޑުއިވުމުން ކަންވީގޮތް ޖަލީލަށް އެނގުނެވެ.
ރޭގެ ބިންހެލުމުގެ އަސަރު ހއ. ގެ ރަށްތަކާއި ހދ. ގެ ބައެއް ރަށްތަކުގެ ބައެއް ރައްޔިތުން އިހްސާސް ކުރިއެވެ. ބިންހެލުން އައީ ދަންގަޑިއެއްގައި ކަމުން މާ ގިނަ މީހުން ހޭލާ ނޫޅޭތީ، އެ ބިން ހެލުމުގެ އަސަރު އިޙްސާސްކުރެވުނީ މަދު ބަޔަކަށެވެ.
ރޭގެ ބިންހެލުން: ފަހަކަށްއައިސް ކުރެވުނު ބިރުވެރި ތަޖުރިބާއެއް
އެ ބިންހެލުން ތަޖުރިބާ ކުރި މީހުން ބުނާގޮތުގައި އެއީ ފަހަކަށްއައިސް ކުރަން ޖެހުނު ބިރުވެރި ތަޖުރިބާއެކެވެ. އުތުރުގެ ބައެއް ރަށްތަކަކީ 2004 ވަނަ އަހަރުގެ ސުނާމީގެ ކާރިސާ ތަޖުރިބާކުރި ރަށްތަކެކެވެ. އެރަށްތަކުގެ ރައްޔިތުންކުރެ ހޭލާ ތިބި ރައްޔިތުންނަށް އެ ބިންހެލުމުގެ ލޮޅުމުގެ ސަބަބުން ކުރެވުނީ ބުނެދޭން ނޭނގޭހާ ބިރުވެރި އިޙުސާސެއްކެވެ.
ރޭ ދަންވަރު 1:45 ކަށް ހާއިރު ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދަށް ބިންހެލުމުގެ އަސަރުކުރީ 4 ވަރަކަށް ސިކުންތު ކަމަށްވެއެވެ. ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނެފައިވަނީ އުތުރުގެ ބައެއް ރަށްރަށުގެ ބިންގަނޑަށް ލޮޅުމެއް އެރިކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށާއި، ރާއްޖޭ ގަޑިން ރޭ ދަންވަރު 1:47 ހާއިރު ލޮޅުމެއް އެރިކަން، ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑްކުރާ މީޓަރަށް ފާހަގަވެފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!