އޯކިޑް ބިލްޑިންގގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވަގަށް ނެގި ތަކެތި ވިއްކަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ގދ. ތިނަދޫ / ދިލްބަހާރުގޭ އަޙްމަދު ނިއުޝަމް (36 އަހަރު) އެވެ.

Ad
d

ފުލުހުން ބުނީ އިމިގްރޭޝަންގެ ގުދަނުން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ތަޙުޤީޤު ކުރަމުންދަނިކޮށް، ވަގަށް ނަގާފައިވާ ތަކެތި މާރުކޭޓު ސަރަހައްދުގައި ވިއްކަން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެ ތަކެއްޗަކީ އިމިގްރޭޝަންގެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތިކަން ކަށަވަރުވެފައިވެއެވެ.

ފުލުހުން ހޯދި ތަކެތީގެ ތެރޭގައި އިންޖީނު ސްޕެއަރ ޕާޓްސްއާއި އިލެކްޓްރޯނިކް ތަކެއްޗާއި އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. މި ހުރިހާ ތަކެއްޗެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު އަޙްމަދު ނިއުޝަމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

Ad
df

ފުލުހުން ބުނީ މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށް ކަމަށެވެ.