ވިލިމާލޭގައި ޗައިނާގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 112 އެނދުގެ އާ ހޮސްޕިޓަލަށް "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ނަން ދީ މާލެ ސަރަހައްދަށް އަނެއްކާވެސް ބޮޑު ހޮސްޕިޓަލެއް އެޅުމަށް ނިންމައިފިއެވެ.
މި ނިންމުން އިއުލާންކުރެވުނީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ "ލެޓާ އޮފް އެކްސްޗޭންޖު" ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމާއެކު ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިން މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. އަދި މި މަސައްކަތް ކުރާނީ ޞިއްޙީ ވުޒާރާއާއި، އިމާރާތްކުރުމާއި ބެހޭ ވުޒާރާއާއި، އައިޖީއެމްއެޗްގެ އިތުރުން މިކަމަށް ޚާއްސަ ޗައިނާގެ ޓީމަކާ ގުޅިގެންނެވެ.
ޗައިނާގެ ސަފީރު ކޮންގު ޒިއަންހުއާ ފާހަގަކުރެއްވި ގޮތުގައި މި ހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު އެޅޭ އެންމެ ބޮޑު ހޮސްޕިޓަލް އަކަށް ވާނެއެވެ.
"ސިނަމާލެ ބްރިޖަށް ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ނަން ދެވިފައިވާ ފަދައިން، މި ހޮސްޕިޓަލުގެ ނަމުގައިވެސް ދެ ގައުމުގެ ރަހުމަތްތެރިކަން ދައްކުވައިދޭ"
ކަމަށް ސަފީރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު ހާމަކުރެއްވި ގޮތުގައި މަޝްރޫއުގެ ޑިޒައިން ނިންމުމަށްފަހު، ކޮންޓްރެކްޓަރެއް ހޮވައި، އަންނަ އަހަރުގެ ފުރަތަމަ ބައިގައި މަސައްކަތް ފެށުމަށް ވަނީ ރޭވިފައެވެ. މި ހޮސްޕިޓަލަކީ ތިލަފުށި ބްރިޖު ނިމި އެ ސަރަހައްދު އާބާދުވާން ފެށުމާއެކު، އައިޖީއެމްއެޗްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވާނެއެވެ.
15،000 އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގައި އާބާދީއަށް އެކަށީގެންވާ ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ޤާއިމުވެފައި ނުވެއެވެ. އެހެންނަމަވެސް އަލަށް އަޅާ މި ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް، އިމްޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތައް ހިމެނޭ ދެ އިމާރާތް ހުންނާނެކަމަށް ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ އަތޮޅުތަކުގައި އެކަށީގެންވާ ފެންވަރަކަށް ސިއްޙީ ޚިދުމަތް ލިބެން ނެތުމާއި އެކު އަބަދުވެސް ދަތުރު ކުރަން ޖެހެނީ މާލެ ސަރަހައްދަށެވެ. އެކި ސަރަހައްދު ތަކުގައި ޓާޝިއަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްޤީ ކުރުމަކީ ހުރިހާ ސަރުކާރެއްގެވެސް ވައުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!