2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ކަން އެމަނިކުފާނު ހާމަކުރައްވާފައިވަނީ އެމްޑީޕީ އަދި ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުންނަށް ފޮނުއްވި މެސެޖެއްގައެވެ.

Ad
rt

އެ މެސެޖުގައި ނަޝީދު ވިދާޅުވެފައިވަނީ "ކިހިނެއްތޯ ފެންނަނީ؟، ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫނާރާނެ" ކަމަށެވެ.

ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ނިޒާމު ތަޢާރަފުވެގެން އައިއިރު، އެންމެ ކުރީ ސަފުގައި ހިމެނުނު ޕާޓީތަކުގެ ތެރޭގައި އެމްޑީޕީ ހިމެނެއެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ ނަޝީދު، ޕާޓީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ދޭތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން 2023 ވަނަ އަހަރުގެ ޖޫން 21 ވަނަ ދުވަހު ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ.

މީގެ ކުރިން ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީގައި ސޯލިހް ވަނީ ނަޝީދަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. އެހެންނަމަވެސް، ނަޝީދު ވިދާޅުވަމުން ގެންދެވީ އެ އިންތިހާބުގައި ބޮޑެތި މަކަރުތަކެއް ހެދިފައިވާ ކަމަށާއި، އެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށެވެ.

އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު، ނަޝީދުގެ ލީޑަރޝިޕްގެ ދަށުން އުފެއްދެވީ "ދަ ޑިމޮކްރެޓްސް" މި ނަމުގައި އައު ސިޔާސީ ޕާޓީއެކެވެ. މި ޕާޓީގެ ފަރާތުން ފާއިތުވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބަށް 15،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއާ ގުޅިގެން، ނަޝީދު ވަނީ ސިޔާސީ މައިދާނުން ވަގުތީގޮތުން ދުރަށް ޖެހިވަޑައިގެން ގާނާއަށް ވަޒަންވެރިވެވަޑައިގެންފައެވެ. އެހެންނަމަވެސް، ފަހުން އެމަނިކުފާނު ވަނީ ޑިމޮކްރެޓްސްއިން އެމްޑީޕީއާ އެއްބައިވުމަށް ތާއީދުކުރައްވާ ކަމަށް "އެކްސް" މެދުވެރިކޮށް ހާމަކުރައްވާފައެވެ.

މިހާރު ނަޝީދު ހުންނެވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. އެމަނިކުފާނު ސީދާ އެއްވެސް ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވެވަޑައިނުގަންނަވާ ނަމަވެސް، 2025 ވަނަ އަހަރުގެ ޖެނުއަރީ 13 ގައި ވިދާޅުވެފައިވަނީ ސިޔާސީ މަސައްކަތްތަކާ މުޅިން ދުރުގައި ނޫޅުއްވާ ކަމަށެވެ.

ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނަވައި، އެމްޑީޕީ އަދި ޑިމޮކްރެޓިކް ޕާޓީގައި ވެސް ސިޔާސީ މަސައްކަތްތަކެއް އަމަލީގޮތުން ނުކުރައްވާ ކަމަށް ނަޝީދު ވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މިހާރު އެމަނިކުފާނު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.