ހދ ކުޅުދުއްފުށި ސިޓީ އާއި ހއ. ދިއްދޫ ހިމެނޭހެން 9 ރަށެއްގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަންނަ މަހު ފަށަން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މާތްﷲގެ ރަޙުމަތްފުޅުން، އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ޤާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ޤާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަންނަ މަހުން ފެށިގެން ކުރިއަށް ގެންދެވޭނެއެވެ.

Ad
rt

މި މަޝްރޫޢު ކުރިއަށް ގެންދެވޭނެ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، އއ. ފެރިދޫ، ރ. އުނގޫފާރު، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ސ. ހިތަދޫ އަދި ލ. ގަން ހިމެނެއެވެ.

މީގެ އިތުރުން، ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކާއި އަލަށް ޤުރުއާން ކިޔަވައިދިނުމާއި މަރުކަޒުގެ ޤާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކުގައިވެސް އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތަށް މަރުކަޒުގެ ގޮފިތަކުގައި ޓީޗަރުން ހަމަޖެހިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި ރަށްތަކުގެ ތެރޭގައި ރ. މަޑުއްވަރި، ނ. ވެލިދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ، ގދ. ގައްދޫ، ލ. އިސްދޫ ކަލައިދޫ، ހއ. އުތީމު އަދި ދ. މީދޫ ހިމެނެއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ފުވައްމުލަކު ސިޓީގެ ޤުރުއާން މަރުކަޒަށް، އެ މަރުކަޒު ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުންވެސް ހަމަޖެހިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ފުޅާކުރެވޭނެކަމަށް މިދިޔަ މަހު ބޭއްވި ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިސްލާމީ މަރުކަޒެއް ޤާއިމުކޮށްފައިވާ ކޮންމެ ރަށެއްގައި މި މަޝްރޫޢު އިތުރަށް ފުޅާކުރެވޭނެކަމަށާއި، އިސްލާމީ މަރުކަޒު ޤާއިމުކޮށްފައި ނުވާ ރަށްރަށުގައިވެސް މިސްކިތްތަކުގައި މި މަޝްރޫޢު ކުރިއަށް ގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ އިދާރާތައް ފިޔަވައި އަމމިއްލަ ފަރާތްތަކުން ހިންގާ ޤުރުއާން ކްލާސްތަކުގައިވެސް ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް އެ ވުޒާރާއިން ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެއެވެ. މިގޮތުން ވަސީލަތްތަކާއި މާލީ އަދި އެހެނިހެން ގޮތްގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ އަމާޒަކީ ކޮންމެ އަހަރަކު 100 ހާފިޡުން ދަސްވެނިކުރުވުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ މި ޤައުމަށް ބޭނުންޖެހިފައިވާ ކަމެއްކަން ފާހަގަކުރައްވައި، އިސްތިރާޖީ ވަރުގަދަ ޕްލޭންތަކެއްގެ ތެރެއިން މިކަންކަން ކުރިއަށް ގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރައްވާ މި މަސައްކަތްތަކަށް ރައްޔިތުންގެ ބައިވެރިވުން ބޭނުންވާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ޚާއްޞަ ޤައުނެއްވެސް ވަނީ ތައްޔާރުކޮށްފައެވެ. މި ޤައުނާއި ތާކިހާ ވަކި އުޞޫލެއްގެ ދަށުން މިލްކުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.