ސަޢޫދީ ޢަރަބިއްޔާއިން އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް ހިމެނޭ ގޮތަށް 14 ޤައުމެއްގެ ރައްޔިތުންނަށް ވަކި ބާވަތްތަކެއްގެ ވިސާ ދޫކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އަހަރީ ޙައްޖު މޫސުމާ ދާދި ކައިރިވެފައިވާ ދަނޑިވަޅެއްގައެވެ.
މި ހުއްޓުވުމުގެ ސަބަބުން އުމްރާ، ވިޔަފާރި އަދި ޢާއިލީ ޒިޔާރަތުގެ ވިސާތަކަށް އަސަރުކުރާނެއެވެ. މި ހުއްޓުވުން ދެމިއޮންނާނީ ޖޫން މަހުގެ މެދާ ހަމައަށެވެ. އެއީ ޙައްޖު މޫސުން ނިމޭ ދުވަސްވަރެވެ. މި އަހަރުގެ ޙައްޖު މޫސުން ހަމަޖެހިފައިވަނީ ޖޫން 4 އިން 9 މޭ އަށެވެ.
އިސްވެ ދެންނެވުނު ޤައުމުތަކުގެ އިތުރުން މިސުރު، އިންޑޮނޭޝިއާ، ޢިރާޤު، ނައިޖީރިއާ، ޖޯޑަން، އަލްޖީރިއާ، ސޫދާން، އީތިއޯޕިއާ، ޓިއުނީޝިއާ، ޔަމަން އަދި މޮރޮކޯގެ ދަތުރުވެރިންނަށްވެސް މި ހުއްޓުވުމުގެ އަސަރުކުރާނެއެވެ.
ޕާކިސްތާނުގެ ނޫސްވެރިކަމުގެ އިދާރާއެއް ކަމުގައިވާ އޭއާރުވައި އިން ބުނެފައިވާ ގޮތުގައި، ސަޢޫދީ އޮފިޝަލުން ވިދާޅުވެފައިވަނީ އުމްރާ ވިސާ ލިބިފައިވާ ދަތުރުވެރިންނަށް އޭޕްރިލް 13 ގެ ނިޔަލަށް ޤައުމަށް ވަދެވޭނެ ކަމަށެވެ. އޭގެ ފަހުން މި ހުއްޓުވުން ފުރިހަމައަށް ތަންފީޒުކުރެވޭނެއެވެ.
ސަޢޫދީ އޮތޯރިޓީތަކުން ބުނެފައިވާ ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ އެކަށީގެންވާ ހުއްދައެއް ނެތި މީހުން ޙައްޖަށް ދިއުން ހުއްޓުވުމަށެވެ. ކުރީގައި ގިނަ ބިދޭސީން އުމްރާ ނުވަތަ ޒިޔާރަތުގެ ވިސާގައި ޤައުމަށް ވަދެ، ޤާނޫނާ ޚިލާފަށް މަޑުކޮށްގެން ޙައްޖުގައި ބައިވެރިވެފައިވެއެވެ. މިކަމުގެ ސަބަބުން ކޮންމެ ޤައުމަކަށް ޙައްޖަށް ފޮނުވޭނެ މީހުންގެ އަދަދު ކަނޑައަޅާފައިވާ ސަޢޫދީ ޢަރަބިއްޔާގެ ހަރުކަށި ކޯޓާ ނިޒާމް ބައިޕާސްވެގެން ގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!