ހއ. އިހަވަންދޫގައި އަލަށް ގާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފިއެވެ.
މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިދިޔަ އަންގާރަ ދުވަހު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހަވީރު އިހަވަންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
މިތަނުގެ ބިންގާ އަޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
އިއްޔެ އިހަވަންދޫ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި މިތަނާއި ބެހޭގޮތުން ރައީސް ވިދާޅުވީ، މި ފިޝަރީޒް ކޮމްޕްލެކްސް މަޝްރޫޢުގެ އިދާރީ، ފަންނީ މަސައްކަތްތަކާ އެކީގައި ކުރިއަށްގޮސް، އަންނަ މޭ މަހުގެ ތެރޭގައި އެތަނުގެ އަމަލީ މަސައްކަތް ފެށޭނެއެވެ.
''އޭގައި ވަރަށް ގިނަ ބައިބައި ހިމެނޭ މަޝްރޫޢެއް މިއީ. އޭގެ ތެރޭގައި، 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖް، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީ. ދެން ބޭނުންވާ އޮފީސް ޖާގައާއި، އިންޖީނުގެއާއި، ގުދަނާއި، މި ހުރިހާ ތަނެއް، ކޮންމެގޮތެއްގައި ވިޔަސް ހިމެނޭނެ. އޭގެ އިތުރަށް، 7 މީޓަރު ފުންމިނުގެ، 1000 މީޓަރު ދިގު މަގަތު ފާލަމަކާއި، 3 ޕޮއިންޓުން މަސްކިރޭ، 4.5 މީޓަރު ފުންމިނުގެ ބަނދަރެއް، ޖެޓީއާއެކު ޤާއިމުކުރެވިގެންދާނެ.'' ރައީސް ވިދާޅުވިއެވެ.
އެ ކޮމްޕްލެކްސްގެ ޖުމްލަ އަގަކީ، 416 މިލިއަން ރުފިޔާކަން ފާހަގަކުރަށްވައި، އެތަން ހަދަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަން ލިބިގެންކަން ރައީސް ވަނީ ވިދާޅުވެފައެވެ.
''މި މަޝްރޫޢު ނިމުނީމާ، ވަޒީފާތައްވެސް އުފެދޭނެ، އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެންގެ އަންދާޒާއަކީ ގާތްގަނޑަކަށް 150 އަކަށް، އާ ވަޒީފާ އުފެދިގެން ދިޔުން. އެހެންވީމާ، މަސްވެރިކަމުގެ އިންޑަސްޓްރީއަށް ލިބޭ ޖުމްލަ ކުރިއެރުމާ އެކީގައި، ވަޒީފާތައްވެސް އިތުރުވެގެންދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!