ހއ. އިހަވަންދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ.
މި ޚިދުމަތް އެރަށުގައި ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިދިޔަ އަންގާރަ ދުވަހު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހަވީރު އިހަވަންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ ރައީސް، އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިހަވަންދޫގައި ރަސްމީކޮށް ފަށާފައިވާއިރު، ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގައިވެސް އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ.
ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މި ޚިދުމަތްތައް ފުޅާކުރުމާއި ގުޅޭ މަގުޗާޓުގައިވާގޮތުން ހއ.އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށަން ނިންމާފައި އޮތީ އޮގަސްޓް 2025 ގައެވެ. އަދި އެ ރަށުގައި އައިޑީކާޑުގެ ޚިދުމަތް ފަށަން ނިންމާފައި އޮތީ މެއި 2025 ގައެވެ.
ނަމަވެސް މި ޚިދުމަތްތައް މި ވަނީ މި ތާރީޚްތަކުގެ ކުރިން ފަށާފައެވެ.
ދާޚިލ ވުޒާރާގެ މަގުޗާޓުގައިވާގޮތުން 13 ރަށަކާއި 2 އަތޮޅާއި 2 ސިޓީއެއްގައި މި ޚިދުމަތްތައް މި އަހަރުގެ ނިޔަލަށް ޤާއިމުކުރަން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!