ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހަނިމާދޫއިން ބިން ދޫކުރުމަށް ނިންމައި އެ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
ފަރުތުވެރިކަމުގެ ވިޔަފާރިއަށް މިފަހަރު އެ ރަށުން ދޫކުރަން ނިންމާފައި ވަނީ 5000 އަކަފޫޓުގެ 9 ބިމެކެވެ. ބިންތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. އެ ބިންތަކުގެ ތެރެއިން ތިން ބިމެއް ދޫކުރަނީ އެ ރަށުގެ އުތުރުކޮޅުގައި ޓުއަރިޒަމް ޒޯންގެ ގޮތުގައި ލޭންޑްޔޫސް ޕްލޭންގައި ހިމަނާފައިވާ ސަރަހައްދުންނެވެ. ބާކީ ހަ ބިން ދޫކުރަން ނިންމާފައި ވަނީ އެ ރަށު ދެކުނު ސަރަހައްދުގައި ޓްއަރިޒަމް ޒޯނުގެ ގޮތުގައި ލޭންޑްޔޫސް ޕްލޭނުގައި ހިމަނާފައިވާ ސަރަހައްދުންނެވެ.
ހަނިމާދޫ ކައުންސިލުން ވަނީ ފާއިތުވި އަހަރުގެ އޭޕްރިލް މަހު އެ ރަށުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް 5000 އަކަފޫޓުގެ 14 ބިމަކާއި 10000 އަކަފޫޓުގެ 4 ބިމެއް ބީލަމަށް ހުޅުވާލާފައެވެ. އެ ބިންތައް ކުއްޔަށް ދޫކުރަން އެ ކައުންސިލުން ނިންމާފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ.
މި ބިންތަކަށް ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެޑްވާންސް ފައިސާ ދެއްކި ހަތަރު ކުންފުންޏަކަށް ހަނިމާދޫ ކައުންސިލުން މިދިޔަ އަހަރުގެ އޮކްޓޯބަރ މަސް ތެރޭ ވަނީ ބިން ހަވާލުވެސް ކޮށްފައެވެ.
މިހާރު ބީލަމަށް ހުޅުވާލާފައިވާ ބިންތަކަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓަރީވާން ޖެހެއެވެ. މި ބިންތަކާއި ބެހޭ ބިޑް ވިއްކުމަށް ހަމަޖެހިފައި ވަނީ ސްލޮޓަކަށް 1000 ރުފިޔާގެ މަގުންނެވެ.
މި ބިންތަކަށް ބީލަން ހުށަހެޅުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ 13:00 ގައި ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ނުވަތަ އެ ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!