އެމްޓީސީސީން ކުރިއަށް ގެންދިޔަ "ކަށަވަރު ޕްރޮމޯ 2024" ގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވުނީ އެންޓްރެކް ހޯލްޑިންގ ނަމަކަށް ކިޔާ ކުންފުންޏެކެވެ.
"ކަށަވަރު ޕްރޮމޯ 2024" އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 31 ޑިސެމްބަރު 2024 އާ ހަމައަށް އެމްޓީސީސީން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުމެވެ.
މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓާއެކު ވިއްކި ޕްރޮޑަކްޓްތަކުގެ ތެރޭގައި ސުޒުކީ އިންޖީނާއި އިންޖީނުގެ ސްޕެއާ ޕާޓްސް، ކާސްޓޮރޯލް އަޑީ ތެޔޮ، ސްކޮޓްބޭޑަރ ފައިބަރު ސާމާނު، ޕީޕީޖީ މެރިން ކޯޓިން، މަރޯލް ހުންގާނު ސިސްޓަމް، އިންޑަސްޓްރިއަލް ގޭސް އަދި އޮޑިދޯނިފަހަރަށް ބޭނުންވާ އެހެނިހެން ސާމާނު ހިމެނެއެވެ.
މި ޕްރޮމޯޝަން އަމާޒުކޮށްފައިވަނީ އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖިނިއަރުންނާއި، ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. ޕްރޮމޯޝަންގެ މުއްދަތުގައި އުޅަނދުފަހަރުގެ އިންޖީނު ސާވިސް އަދި އިންސްޕެކްޝަން ކުރިއަށް ގެންދިއުމުގެ އިތުރުން، މެއިންޓެނަންސާ ބެހޭ ގޮތުން އޮޑިވެރިން އިތުރަށް ހޭލުންތެރިކުރުމަށްޓަކައި މަޢުލޫމާތު ފޯރުކޮށްދީ، އިންޑަސްޓްރިއަލް ސައިޓްތަކާއި އޮޑިފަހަރުތަކަށް ޒިޔާރަތްކޮށްފައިވެއެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ކުރި ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކޮށްފައިވެއެވެ. އަދި ޕްރޮމޯޝަން ނިންމާލަމުން ނެގުނު ގުރުއަތުން ހޮވުނު ފަރާތަށް އެއް ލައްކަ ރުފިޔާގެ އަގުހުރި ސުޒުކީ 60 ހޯސްޕަވަރުގެ އިންޖީނެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

ޕްރޮމޯޝަން ނިންމާލުމުގެ ރަސްމިއްޔާތުގައި ނަސީބުވެރި ފަރާތުގެ ނަން އިޢުލާންކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.
މި ޕްރޮމޯޝަނަކީ އެމްޓީސީސީން އާންމު ގޮތެއްގައި ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގެ ތެރެއިން އެއް ޕްރޮމޯޝަން ކަމަށްވާއިރު، މީގެ ސަބަބުން ކަސްޓަމަރުންނަށް ބޭނުންވާ ސާމާނު އަގުހެޔޮކޮށް ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!