ސްޕެނިޝް ސްޕަކަޕް ފައިނަލުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޗެމްޕިއަންކަން ބާސާއިން ހޯދައިފިއެވެ. ރޭ ސައުދި އަރަބިއްޔާގެ ރިޔާދުގެ ކިންގް އަބްދުﷲ ސްޓޭޑިއަމްގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 5-2 ގެ ނަތީޖާއިންނެވެ.
މެޗު ފަށައިގެން ބާސާއިން ގޭމް ޑޮމިނޭޓް ކުރި ނަމަވެސް، ފަސްވަނަ މިނެޓުގައި ރެއާލުން އުފެއްދި ކައުންޓަ އެޓޭކެއްފައި އެމްބާޕޭ ވަނީ ލަނޑުޖަހައި ރެއާލަށް ލީޑު ނަގައިދީފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، ރެއާލްގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގައި ބާސާއިން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ލެމީން ޔަމާލް ޖަހައިދިން އިރު، ދެވަނަ ލަނޑު 36 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ލެވަންޑޯސްކީއެވެ. ބާސާގެ ތިންވަނަ ލަނޑު 39 ވަނަ މިނެޓުގައި ރަފީނިއާ ޖަހައިދިން އިރު، ހަތަރުވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބަލްޑޭއެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓްތަރޭ ބާސާއަށް ފަސްވަނަ ލަނޑު ޖަހައިދިނީ ރަފީނިއާއެވެ. މެޗުގައި ބާސާއަށް މައްސަލަ ކުރިމަތިވީ 57 ވަނަ މިނެޓުގައި ކީޕަރަށް ރަތްކާޑު ދެއްކުމުންނެވެ. އެމްބާޕޭ ހުސްކޮށް ގޮސް ކީޕަރު ނައްޓާލި ވަގުތު ބާސާގެ ކީޕަރ ޝެޒްނީ، އެމްބާޕޭއަށް ފައުލް ކުރުމުން ރެފްރީ ވަނީ ކީޕަރަށް ސީދާ ރަތްކާޑު ދައްކާފައެވެ. އެ ހިލޭ ޖެހުމުން ރެއާލަށް ދެވަނަ ލަނޑު ޖަހައިދިނީ ރޮޑްރޮގޯއެވެ. ބާސާއިން ދެވަނަ ހާފުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ފާއިތުވި އަހަރުގެ ސްޕަކަޕް ފައިނަލުގައި ރެއާލުން ވަނީ 4-1 ގެ ނަތީޖާއިން ބާސާ ބަލިކޮށްފައެވެ. ވުމާއިއެކު މި އަހަރު ބާސާއިން މިވަނީ ބަދަލުހިފައި އެ ޓީމްގެ 15 ވަނަ ސްޕަ ކަޕް ކާމިޔާބު ކޮށްފައެވެ. އެންމެ ގިނައިން ސްޕަކަޕް ކާމިޔާބު ކޮސްފައި ވަނީ ވެސް ބާސާއެވެ. ރެއާލަށް ސްޕަކަޕް ކާމިޔާބު ކުރެވިފައި ވަނީ 13 ފަހަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!