މިހާތަނަށް ކޮރޯނާވައިރަސް އަށް ޝައްކުވާ މީހަކު ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ ރާއްޖޭގެ މައި ދޮރާށި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކޮރޯނާވައިރަސް ސްކްރީނިންގް ފެށުމާއިއެކު ތާރމަލް ކެމެރާއިން ހުން ހުންނަ ކަމަށް ދައްކާ މީހުން އިތުރަށް އެސެސްކޮށް، ހިސްޓްރީ ނަގާ ހަދާނެކަމަށެވެ.
އެހެން ނަމަވެސް އެސެސް ކުރުމަށްފަހު، މިވަގުތު އަދި ކޮރޯނާވައިރަސް އަށް ޝައްކުވާ މީހަކު ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ކްރޯނާ ވައިރަސް އަށް ތައްޔާރުވުމަށްޓަކައި ރާއްޖެއިން މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާކަމަށް އިއްޔެ ހެލްތު މިނިސްޓަރު އަމީންވަނީ ވިދާޅުވެފައެވެ. އަދި އެ ވައިރަސްއަށް ސްކްރީން ކުރުމަށް އިތުރު ކެމެރާތަށް ގެނެވި ރާއްޖެއަށް އެތެރެވާ މީހުން ސްކްރީން ކުރެވޭނެ އިންތިޒާމް 3 ދުވަސް ތެރޭގައި ހަމަޖެހިގެންދާނެކަމަށްވެސް މިނިސްޓަރު އަމީންވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ކޮރޯނާވައިރަސް ފެނިއްޖެ ކަމަށް ވާނަމަ ދެން އަމަލުކުރާނެ ގޮތްތަކާއިމެދު ޑަބްލިއު.އެޗް.އޯ އަދި އެޗް.ޕީ.އޭ. އާއި މަޝްވަރާކުރެވި އެކަން ކަން ވަނީ އިންތިޒާމް ކުރެވިފައި ކަމަށްވެސް އިއްޔެ ހެލްތު މިނިސްޓްރީއިން ބޭއްވި ނޫސްވެެރިންގެ ބައްދަލު ވުމެއްގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ޗައިނާގައި ފެތުރެމުންދާ، ނޭވާލާ ނިޒާމަށް އަސަރުކުރާ ގޮތްނޭނގޭ ބަލި ”ނޮވެލް ކޮރޯނާ ވައިރަސް“ ދާދިފަހުން ޗައިނާއަށް ދަތުރުކުރި އެމެރިކާގެ ރައްޔިތެއްގެ ހަށިގަނޑުން ވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
ޗައިނާގައި ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާން ސިޓީ ހުންނަ ޞަރަޙައްދަށް ދަތުރުކޮށްފައިވާ އެ މީހާއަކީ އުމުރުން 30ގެ އަހަރުގެ މީހެކެވެ. އެ މީހާއަށް ދަނީ ހޮސްޕިޓަލުން ފަރުވާދެމުން ކަމަށާއި، އެމީހާގެ ޙާލަތު ރަނގަޅުކަމަށް އެމެރިކާގެ އިދާރާތަކަށް ހަވާލާދީ ނޫސްތަކުން ބުނެއެވެ.
އެމެރިކާ އަކީ ކޮރޯނާވައިރަސްގެ އަސަރު ފެނުނު ފަސް ވަނަ ޤައުމެވެ. އެންމެ ފުރަތަމަ މި ވައިރަސްގެ އަސަރުކޮށްގެން ރިޕޯޓުކޮށްފައިަނީ ޗައިނާއިންނެވެ. އޭގެފަހުން ތައިލެންޑް، ޖަޕާން އަދި ސައުތު ކޮރެއާއިންވެސް މިވައިރަސްގެ އަސަރު ކޮށްފައިވާ މީހުންވަނީ ފެނިފައިވެއެވެ.
ޗައިނާއިން މިވައިރަސްގެ އަސަރު ފެންނަން ފެށުމާއެކު މިދިޔަ ހަފުތާގައި އެމެރިކާގެ ޞިއްޙީ އޮފިޝަލުންވަނީ ޗައިނާއިން އަންނަ ފަސިންޖަރުން އެމެރިކާގެ ތިން އެއަރޕޯޓެއްގައި މިބައްޔަށް ސްކްރީން ކުރަން ފަށާފަ އެވެ.
އެމެރިކާގެ އިތުރުން އެހެން ޤައުމުތަކުންވެސް އަންނަނީ އެއަރޕޯޓްތަކުގައި ފަސިންޖަރުން ސްކްރީން ކުރުމުގެ ޕްރޮގުރާމުތައް ހިންގަމުންނެވެ.
މިވައިރަސްގެ އަސަރު ޗައިނާއިން ފެނިފައިވަނީ މިދިޔަ މަހު އެވެ.
މިވައިރަސްގެ އަސަރު ފެނުމާއެކު ހުންއައިސް، ކެއްސާ ނޭވާލާން އުނދަގޫވެއެވެ. ޗައިނާއިން މިހާތަނަށް މިވައިރަސްގެ އަސަރުކޮށްގެން 275 ށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވެ އެވެ. މީގެ ގިނަ ކޭސްތައް ފެނިފައިވަނީ ވުހާން އިންނެވެ.
އޮފިޝަލުން މީގެކުރިން ބުނެފައިވަނީ މިވައިރަސް އަކީ ޖަނަވާރުންގެ ކިބައިން ފެތުރެމުންދާ ވައިރަސް އެއް ކަމަށެވެ. ނަމަވެސް މިހަފްތާގައި ޗައިނާގެ އޮފިޝަލުން ވަނީ މިއީ އިންސާނުންގެ ގައިންވެސް ފެތުރެމުންދާ ވައިރަސް އެއް ކަމަށް ބުނެފައެވެ.
ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާރސް) އާ އެއްގޮތްކަމެއް ހުންނަ ގޮތްނޭނގޭ ނުރައްކާތެރި ވައިރަހެއް ފެތުރި ޗައިނާއިން މީހުން މަރުވާން ފަށާފައިވާ ކަމަށް ދަނީ ރިޕޯޓް ކުރަމުންނެވެ.
މި މައްސަލައިގައި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ، (އެޗްޕީއޭ) އިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުސްވި އަހަރުގެ ޑިސެންބަރު މަހުން ފެށިގެން، ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި، މިބަލި ފެތުރެމުންދާއިރު، މިއަހަރުގެ ޖެނުއަރީ އާއި ހަމައަށް، މި ބަލީގެ 142 މީހުން ފެނިފައިވާ ކަމަށެވެ. އަދި މި ބަލީގައި 2 މީހުން މަރުވެފައިވާ ކަމަށް ޗައިނާގެ ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފައިވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!