މޮރިޝަސްގެ ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރުނަރު ހަރވޭޝް ސީގޮލަމް ޚިޔާނާތުގެ މައްސަލައެއްގައި ހައްޔަރުކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފިކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ފްރޯޑް ކުށުގެ މައްސަލައެއްގައި ކޮންސްޕިރަސީގެ ދަޢުވާއާއެކު ހައްޔަރުކުރެވުނު ސީގޮލަމް ވަނީ 500,000 މޮރިޝަސް ރުޕީސް (10,522 އެމެރިކާ ޑޮލަރު) ގެ ކޯޓަށް ދެއްކުމުން ދޫކޮށްލާފައެވެ.
މިއީ މޮރިޝަސްގެ އައު ބޮޑުވަޒީރު ނަވިން ރަމްގޫލަމްގެ ސަރުކާރުން އެޅި މިފަދަ ފުރަތަމަ ފިޔަވަޅެވެ. ކުރީގެ ސަރުކާރުން ގައުމުގެ ޖީޑީޕީ، ބަޖެޓް ޑެފިސިޓް އަދި ސަރުކާރުގެ ދަރަނީގެ ތަފާސްހިސާބުތައް އެތައް އަހަރެއްގައި އޮޅުވާލައިފައިވާކަމަށް ރަމްގޫލަމް ވަނީ ބުނެފައެވެ.
ސީގޮލަމްގެ ވަކީލު ރަވި ޔެރިގަޑޫ ވަނީ އޭނާގެ މުވައްކިލު ކަފާލާތުގެ ދަށުން ދޫކޮށްލި ކަން ކަށަވަރުކޮށްދީފައެވެ. "ތަހުގީގު ދެމިއޮތުމާއި، މުއައްސަސާއަށް އިހުތިރާމްކުރުމުގެ ގޮތުން އަޅުގަނޑު މިއަށްވުރެ އިތުރު އެއްޗެއް ނުބުނާނަން،" އޭނާ ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންނާއި، ސީގޮލަމް އަދި އޭނާގެ ވަކީލާ ވެސް ގުޅަން ރޮއިޓާސްއިން ކުރިމަސައްކަތް ކާމިޔާބު ނުވިކަމަށް އެނޫހުން ބުނެފައިވެއެވެ.
ހިންދު ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެއް ކަމަށްވާ މޮރިޝަސްގެ އާބާދީއަކީ 1.3 މިލިއަން މީހުންނެވެ. އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ މި ޤައުމަކީ މާލީ ޚިދުމަތްތަކާއި ޓޫރިޒަމަށް ބަރޯސާވެފައިވާ ޤައުމެކެވެ.
މޮރިޝަސްގެ އައު ބޮޑުވަޒީރު ނަވިން ރަމްގޫލަމް ވެރިކަމާ ހަވާލުވީ މިދިޔަ ޑިސެމްބަރުގައި ބޭއްވުނު އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!