ފާއިތުވި ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކ އަދި އއ އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އއ.ރަސްދޫގައި ބޭއްވި ޖަލްސާ ފެށުމުގެ ގޮތުން ކީރިތި ޤުރުއާން ކިޔެވުވަގުތު، ލައިވްގައި ކަލިމައެއް އުނިވި މައްސަލާގައި އެކަމުގައި އިހުމާލުވީ މުވައްޒަފުންނާއި މެދު ފިޔަވަޅު އަޅާފައިވާކަމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ބުނެފިއެވެ.
އެކަން ހިނގާދިޔަ ގޮތް ބަޔާންކޮށް މިއަދު ޕީއެސްއެމް އިން ނެރުނު ބަޔާނުގައި ބުނީ ލައިވްގައި ޤުރުއާނުން ކަލިމައެއް އުނިވާގޮތަށް ދެއްކިފައި ވަނީ މުވައްޒަފުންގެ އިހުމާލުން ކަމަށާއި އެކަމުގައި އިހުމާލިވީ މުވައްޒަފުން މިހާރު މަސައްކަތުން އެކަހެރި ކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ކުންފުނީގެ އިސް މުވައްޒަފުންތަކެއް ހިމެނޭ ކޮމިޓީއަކުން މައްސަލަ ބަލާފައިވާ ކަމަށާއި، ލައިވްގައި ޤުރުއާނުގެ ކަލިމައެއް އުނިވާގޮތަށް ގެނެސްދެވިފައިވާތީ މާފަށް އެދޭ ކަމަށެވެ. އަދި އެހެން ދިމާވީ ކޮންޓެންޓް އެޑިކް ކުރުމުން ނޫންކަމަށް އެ ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ އެ އިވެންޓް ލައިވް ކުރަން ފަށާފައި ވަނީ ހަބަރު ކޮންޓްރޯލް ރޫމުން ކަމަށާއި މައި ކޮންޓްރޯލް ރޫމަށް ފަހުން ސިގްނަލް ބަދަލުކުރި ކަމަށާއި، އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލު ކުރުމަކީ އާންމުކޮށް ކުރާ ކަމެއް ނަމަވެސް ސިގްނަލް ބަދަލު ކުރާއިރު، މީހަކު ވާހަކަ ދައްކަމުންދާއިރު އެކަން ނުކުރާކަމަށް އެ ބަޔާނުގައި ވެއެވެ.
ނަމަވެސް އެ ލައިވް ކުރިއަށް ގެންދިޔަ ވަގުތު އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ސިގްނަލް ބަދަލުކޮށްފައި ވަނީ ގުރުއާން ކިޔަވަމުން ދަނިކޮށް ކަމަށާއި އެއީ އާންމުކޮށް ކުރާ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ޕީއެސްއެމް އިން ބުނީ މިކަމުގައި އިހުމާލުވި މުވައްޒަފުން މާފަށް އެދިފައިވާ ކަމަށެވެ.
މިފަދަކަމެއް ކުރިއަށް އޮތްތަނުގައި ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ޕީއެސްއެމް އިން ދިންއިރު، ކަލިމަ އުނިވި މައްސަލާގައި ސޯޝަލް މީޑިއާގައި ގިނަބަޔަކު އަންނަނީ ޕީއެސްއެމްއަށް އަމާޒުކޮށް ނުރުހުން ފާޅުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!