ޔުކްރެއިން ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ޓްރަމްޕް ގޮވާލައިފިއެވެ.
ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ ބައްދަލުކުރުމަށްފަހު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެވެ.
ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ ޕެރިހުގައި ބައްދަލުކުރުމަށްފަހު ޖެހިގެން އައި ދުވަހު ޓްރަމްޕްގެ "ޓްރޫތް ސޯޝަލް" ޕްލެޓްފޯމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހަނގުރާމައިގެ ސަބަބުން ދެފަރާތަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އަދި އޭނާ ރައީސްކަމަށް އިންތިޚާބުވެއްޖެނަމަ 24 ގަޑިއިރުގެ ތެރޭގައި މި ހަނގުރާމަ ނިންމާލެވޭނެ ކަމަށް ވަނީ ބުނެފައެވެ.
"ވަގުތުން ހަނގުރާމަ ހުއްޓާލައި މަޝްވަރާތައް ފަށަންޖެހޭ. ވަރަށް ގިނަ ފުރާނަތަކެއް ބޭކާރު ގޮތުގައި ގެއްލެމުންދަނީ، އަދި އާއިލާތަކެއް ހަލާކުވަމުންދަނީ،" ޓްރަމްޕް އާދީއްތަ ދުވަހު ބުނެފައިވެއެވެ.
ޓްރަމްޕް ބުނެފައިވާ ގޮތުގައި ޔުކްރެއިންގެ 400,000 އަށްވުރެ ގިނަ ސިފައިން އަދި އާންމުން މަރުވެފައިވެއެވެ. ނަމަވެސް މި އަދަދުގައި ޒަޚަމްވި މީހުން ހިމެނޭކަން ނުވަތަ ނޫންކަން އޭނާ ބަޔާންކޮށްފައެއް ނުވެއެވެ. "ޒެލެންސްކީ އަދި ޔުކްރެއިންއަށް މި ހަނގުރާމަ ހުއްޓާލައި އެއްބަސްވުމަކަށް އާދެވޭނެ،" އޭނާ އިތުރުކުރިއެވެ.
އާދީއްތަ ދުވަހު ޒެލެންސްކީ ޓެލެގްރާމްގައި ލިޔެފައިވަނީ ޕެރިހުގައި ޓްރަމްޕްއާއެކު "ރަނގަޅު ބައްދަލުވުމެއް" ބޭއްވުނު ކަމަށެވެ. އެކްސިއޯސް ނިއުސް ސައިޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވަނީ ޓްރަމްޕް ޒެލެންސްކީއާ ބައްދަލުކުރުމަށް ބާރުއަޅާފައެވެ.
އާދީއްތަ ދުވަހު ޒެލެންސްކީ ބުނެފައިވާ ގޮތުގައި 43,000 ޔުކްރެއިން ސިފައިން މަރުވެފައިވާއިރު 370,000 މީހުން ޒަޚަމްވެފައިވެއެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފަރުވާ ދިނުމަށްފަހު އަނބުރާ ޚިދުމަތަށް ނުކުމެވިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!