މިސަރުކާރުގެ ވިސްނުމަކީ މަސްތުވާތަކެތީގެ މައްސަލައަށް ޙަޤީޤީ ޙައްލެއް ހޯއްދައިދިނުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅެއްގައި އިއްޔެ މެންދުރުފަހު އއ. ރަސްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މުޅި ރާއްޖޭގައިވެސް، ބޮޑުވެފައި ހުރި ހުރިހާ މައްސަލަތަކެއް ޙައްލުކުރުމަށްޓަކައި މި ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިގޮތުން މި ސަރުކާރުން ޕްލޭން ރާވާފައި އޮތީ ތަރައްޤީގެ ކަންކަން ކުރަމުން، ރާއްޖޭގައި ޙައްލުނުކޮށް ދޫކޮށްލާފައި، ''ސަރުކާރުތަކުން ފަސޭހައަކަށް އަޅައިނުލައި ހުންނަ، އެހެންނަމަވެސް، ރައްޔިތުންނަށް އެހާ ދަތިވާ، އަދި ރައްޔިތުން ޙައްލުކުރަން ބޭނުންވާ ކަންކަމުގައިވެސް އަތްލައި،'' އެކަންކަންވެސް ރަނގަޅުކުރަން މަސައްކަތް ކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ބަލާއިރު، އެންމެ ބޮޑު އެއް މައްސަލައަކީ، ޑުރަގުގެ ވަބާކަމަށާއި، ރާއްޖޭގައި ޒަމާންތަކެއްވީ އެންމެ ބޮޑު މައްސަލަ އަކީ ޑްރަގްގެ މައްސަލަކަމަށް ރައީސް ވިދާޅުވިއެވެ.

''ތިރީހަކަށް އަހަރު، ސާޅީހަކަށް އަހަރު މިވަނީ. ދުވަހަކުވެސް އެ މައްސަލަ ޙައްލެއްނުވޭ. ކޮންމެ ބޮޑު ޢާއިލާއެއްގައި، ކޮންމެ ރަށެއްގައި، ކޮންމެ މުޖުތަމަޢެއްގައި އެ މައްސަލަ އެބައޮތް. ހައްތަހާ ބޮޑުވަނީ. މިކަމަކަށް ޙައްލެއް ނުއެއްގެނެވޭ. އެހެންނަމަވެސް، އަޅުގަނޑު ގަބޫލުކުރަނީ، ރައްޔިތުން ބޭނުންވަނީ އެކަންކަން ޙައްލުކުރުން ކަމަށް. ޒުވާނުންވެސް އެކަމުން ދުރުކޮށްގެން، ބޭނުންތެރި، ބިނާކުރަނިވި، ފައިދާހުރި ބަޔަކަށް ހަދަން މައިންބަފައިންވެސް ބޭނުންވާނީ.'' ރައީސް ވިދާޅުވެފަވެއެވެ.

ޑްރަގްގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދީފައި އޮތް ކަމެއްކަމަށާއި، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޑްރަގްގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަށްވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ކޮށްފައިވާކަން ފާހަގަކުރަށްވައި، ޑުރަގުގެ ވިޔަފާރީގައި އުޅޭ ބޭރު މީހުން ރާއްޖޭގައި ވަރަށްގިނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މީގައި ގިނައީ ވެސް ނުގަވާއިދުން އުޅޭ ބޭރު މީހުންކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑުމެން ވާނީ މިދިޔަ އަހަރުގެ ތެރޭގައި، 153 ބޭރު މީހުން، ޑުރަގާ އެކީގައި ހިފައި، އެ މީހުންގެ މައްސަލަ ބަލައި، ޑީޕޯޓް ކޮށްފައި. 153 މީހުން. އޭގެ ކުރީ އަހަރުގެ ތެރޭގައި، 2023ގެ ނޮވެންބަރާ ހަމައަށް، މިދިޔަ އަހަރުގެ ނޮވެންބަރާ ހަމައަށް 74 މީހުން ޑީޕޯޓް ކޮށްފައި ވަނީ. އެހެން ނަމަވެސް، އަޅުގަނޑުމެން އެކަމަށް ދިން އިސްކަމުގެ ތެރެއިން، މި އަހަރުގެ ތެރޭގައި 153 މީހުން ވަނީ ޑިޓެއިން ކުރެވި އަދި ޑީޕޯޓް ކުރެވިފައި.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާާޅުވީ، ޑުރަގުގެ ވިޔަފާރި ކުރާ، ޑުރަގް ބޭނުންކުރާ ތަންތަން ސަރޗް ކުރުންވެސް އިންތިހާއަށް އިތުރުކޮށްފައިވާ ކަމަށާއި، އެގޮތުން، މި ނިމިގެންދާ އަހަރު، 13435 ތަނެއް ބަލައި، އެކަމުގައި އުޅޭ ފަރާތްތައް ވާނީ ހޯދާފައިކަމަށް ރައީސް ވިދާޅުވިއެވެ. އެއީ، އޭގެ ކުރީ އަހަރާ ބަލާއިރުގައި 8581. ގާތްގަނޑަކަށް ދެގުނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއިއެކު މި އަހަރު 655 ކިލޯގެ ޑުރަގް އަތުލައިގެންފައިވާ ކަމަށާއި، އެ ތަކެތި ނޫސްވެރިންގެ ކުރިމަތީގައި ނައްތާލައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

''މިދިޔަ އަހަރު، 2023ގެ ނޮވެންބަރާ ހަމައަށް، ކޮންފިސްކޭޓް ކޮށްފައި ވަނީ، އެންމެ 113 ކިލޯ. އެހެންވީމާ، ހަގުނަ އިތުރަށް އަޅުގަނޑުމެން މި އަހަރުގެ ތެރޭގައި ޑުރަގް ކޮންފިސްކޭޓް ކޮށްފިން. އާދެ، މިއީ ޑުރަގުގެ އަގަށް ބަލާއިރުގައިވެސް ބޮޑު ޢަދަދެއް. މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކޮންފިސްކޭޓް ކުރި ޑުރަގުގެ އަގު އެއީ، 1.3 ބިލިއަން ރުފިޔާ. އެއްހާސް ތިންސަތޭކަ މިލިއަން ރުފިޔާގެ ޑުރަގް ކޮންފިސްކޭޓް ކުރިއިރުގައި، މިދިޔަ އަހަރު ނޮވެންބަރާ ހަމަޔަށް ކޮންފިސްކޭޓް ކުރީ، އޭގެ ގާތްގަނޑަކަށް ހަގުނަ މަދު، 255 މިލިއަން ރުފިޔާގެ ޑުރަގް. މިއީ އަޅުގަނޑުމެން މި މައްސަލަ ޙައްލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފުލުހުންގެ އިދާރާގެ ތެރެއިން، އަދި އިމްޕްލިމެންޓް ކުރުމުގެ މަސައްކަތުގައި އުޅޭ އިދާރާތަކުގެ ތެރޭގައި، މިކަމުގައި ކޮމްޕްރޮމައިޒް ވެފައި ތިބޭ މީހުން މިހާރު ނުތިބޭނެ ކަމަށެވެ. އަދި އިސްކަންދެއްވަނީ މިކަން ޙަޤީޤީ މާނައިގައި ޙައްލުކުރުމަށްކަމަށް ވިދާޅުވެ، އެކަމަށްޓަކައި މަޖިލީހަށް މަސްތުވާތަކެއްޗާގުޅޭ އައު ބިލެއް ހުށަހަޅާަފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.