ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން ފުލުހުންގެ ޚިދުމަތުން މިއަދު ޢިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދަން ޢިއުލާންކޮށް، ތަހުގީގަށް ހާޒިރުވާން އަންގާފައިވާ ދެ މީހުންނަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ދެ މީހުންކަމަށެވެ.
މި ދެ މީހުންނަކީ މ. މުލައް ގަނދަކޯޅިމާގެ އުމުރުން 25 އަހަރުގެ އަޙްމަދު ރާއިފް އާއި ގ. ރަންނާޅިގެ އުމުރުން 28 އަހަރުގެ އިސްމާޢީލް ޝައިމަން އެވެ.
ފުލުހުން ވަނީ މި ދެ މީހުން ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މިމަހުގެ 31 ވަނަ ދުވަހުގެ 14:00ގެ ކުރިން ހާޒިރުވުމަށް އަންގާ ޢިއުލާންކޮށްފައެވެ.
މީގެ އިތުރުން ފުލުހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދަން ޢިއުލާންކޮށްފައެވެ.
މި އަމުރުގެ ދަށުން ހޯދަމުން ދަނީ ސ. ހިތަދޫ / ހަޒާރުމާގެ، މުޙައްމަދު ޢުބާދަތު ޙުސައިން (30އ) އެވެ. މީނާ ހޯދަމުން ދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހުގެ 24ވަނަ ދުވަހުގެ 14:00އަށް ކްރިމިނަލް ކޯޓު، ހުޅުމާލެ ޑިވިޝަންނަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މުޙައްމަދު ޢުބާދަތު ޙުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442އަށް ގުޅައި އެކަން އަންގައިދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!