ގޫގުލް ކީޕްގެ އެންޑްރޮއިޑް ވާޝަނަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ލިސްޓު އުފެއްދޭ އައު ފީޗަރެއް ތަޢާރަފުކޮށްފިއެވެ.
"ހެލްޕް މީ ކްރިއޭޓް އަ ލިސްޓް" ގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި ފީޗަރގެ ޒަރީޢާއިން، ބޭނުންވާ ބާވަތުގެ ލިސްޓެއް އުފެއްދުމަށް އޭއައި ބޭނުންކުރެވޭނެއެވެ. މިސާލަކަށް، ކޭމްޕިންގ ޓްރިޕަކަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ނުވަތަ ގްރޯސަރީ ޝޮޕިންގ ލިސްޓެއް އުފެއްދިދާނެއެވެ.
ގޫގުލްއިން ބުނާ ގޮތުގައި، މި އޭއައި ފީޗަރ ރަންކުރަނީ ގޫގުލްގެ ޖެމިނައި ލާޖް ލޭންގުއޭޖް މޮޑެލް (އެލްއެލްއެމް) އިންނެވެ. މި ފީޗަރ ވަނީ އޯގަސްޓު 13 ގައި ބޭއްވުނު މޭޑް ބައި ގޫގުލް އިވެންޓުގައި ޕިކްސެލް 9 ސީރީޒް ތަޢާރަފުކުރުމުގެ ތެރޭގައި ދައްކާލާފައެވެ.
މި ފީޗަރ ބޭނުންކުރުމަށް، ބޭނުންކުރާ ފަރާތުން އުފައްދަން ބޭނުންވާ ލިސްޓުގެ ތަފްސީލު ލިޔަންޖެހޭނެއެވެ. އެއަށްފަހު "ކްރިއޭޓް" ބަޓަނަށް ފިއްތުމުން، އެޕްލިކޭޝަނުން އަމިއްލައަށް ލިސްޓު އުފައްދާނެއެވެ. މި ފީޗަރ ލިބެނީ ގޫގުލް ކީޕްގެ އެންޑްރޮއިޑް އެޕްގެ ފްލޯޓިންގ އެކްޝަން ބަޓަނެއްގެ ގޮތުގައެވެ.
މިފީޗާ އާއްމުކޮށް ހުރިހާ ފޯނުތަކަކަށް އަދި ދޫކޮށްފައި ނުވާއިރު، ޓެކްރިޕޯޓްތައް ބުނާގޮތުން މި ފީޗަރ ގޫގުލް ޕިކްސެލް 9 ގައި ލިބޭއިރު، މޮޓޮރޯލާ ރޭޒަރ 40 އަލްޓްރާ އަދި ވަންޕްލަސް 10އާރު ފަދަ އެހެން ފޯނުތަކަށް މި ފީޗަރ އަދި ނުލިބޭކަން ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން، މި ފީޗަރގެ ލިބެންހުރި މިންވަރާމެދު ސުވާލު އުފެދިފައިވެއެވެ.
މީގެ އިތުރުން ވެސް، ފާއިތުވި މަސްތަކުގައި ގޫގުލް ކީޕްގައި އިތުރު ފީޗަރ ތަކެއް ތަޢާރަފުކޮށްފައިވެއެވެ. ޖޫން މަހު، އެކިއެކި އެކައުންޓުތައް އެއްފަހަރާ ބޭނުންކުރެވޭ ގޮތަށް މަލްޓި-އެކައުންޓް ސަޕޯޓް ތަޢާރަފުކުރިއެވެ. އަދި ވިންޑޯގެ ސައިޒު ބަދަލުކުރެވޭ ފީޗަރެއް ތަރައްޤީކުރަމުންދާކަމަށްވެސް ރިޕޯޓުކުރެވިފައިވެއެވެ.
މި އައު ތަރައްޤީތަކާއެކު، ގޫގުލް ކީޕްގެ ބޭނުންތެރިކަން އިތުރުވެ، ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!