އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ނަރުހަކު މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުވި ނަރުސް ވަޒީފާއިން ސަސްޕެންޑް ކޮށްފި އެވެ.

އައިޖީއެމްއެޗުން މިއަދު ހާމަކުރި ގޮތުގައި، އެ ހޮސްޕިޓަލުގެ ދިވެހި އަންހެން ނަރުހަކު މަސްތުވާތަކެތި ބޭނުންކުރިކަމަށް ޝައްކުކުރެވިގެން، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވެއެވެ. އަދި މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ކުރިއަށް ގެންދަމުންދާކަމަށް ހޮސްޕިޓަލުން އަދި ފުލުހުން ވަނީ ޔަޤީންކޮށްދީފަ އެވެ.

Ad
rt

ރާއްޖޭގެ މައި ހޮސްޕިޓަލް ކަމުގައިވާ އައިޖީއެމްއެޗުން މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ނަރުހަކީ ކުރިން އެ ހޮސްޕިޓަލުގެ ވޯޑު އިންޗާޖެއްގެ މަޤާމުގައި ހުރި މުވައްޒަފެކެވެ. ނަމަވެސް، މަސައްކަތުގެ ފެންވަރަށް ބަލައި، މީގެ ދެ މަސް ކުރިން ވަނީ މަޤާމު ދަށްކުރެވި، ވޯޑް އިންޗާޖުގެ މަސްއޫލިއްޔަތުތަކުން ދުރުކުރެވިފައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް އަދި ހައްޔަރުކުރެވިފައެއް ނުވެއެވެ.