އުތުރުގެ ވިޔަފާރީގެ މައި ހަބު، ކުޅުދުއްފުށީ ސިޓީގައި ބޯޓުޔާޑެއް ގާއިމުކުރުމުގެ މަސައްކަތްފަށާފައިވާ ކަމަށާއި، އަދި އެ ސިޓީގައި ޑޮކްޔާޑެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯޯ މުހައްމަދު ވަޖީހު އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާގެ ޕީއެސްއެމް ނިއުސްގެ ''ރާއްޖެ މިއަދު'' ޕްރޮގްރާމުގައި، ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ، ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުން ރައްޔިތުންނަށް މަންފާ ލިބޭ ގޮތް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ.

Ad
rt

އެހެންކަމުން ކުޅުދުއްފުށީގައި އެ ކުންފުނިން ކުރަން ރާވާފައި ހުރި ކަންކަމުގެ ތެރޭގައި ބޯޓުޔާޑެއް ހަދައި، ޑޮކްޔާޑެއް ގާއިމުކުރުން ހިމެނޭކަމަށް ވަނީ ވިދާޅުވެފައެވެ.

ވަޖީހު ވިދާޅުވެފައި ވަނީ އެ ކުންފުނިން ބޯޓުޔާޑުގެ މަސައްކަތް ދެ ބަޔަކަށް ބަހާލާފައިވާކަމަށާއި، އެތަނުން ފައިބަރު މަސައްކަތަށްޓަށް ޚާއްސަބައި ގާއިމުކުރުމަށް ކުޅުދުއްފުށީ ޕޯޓުގައި މިހާރު އިމާރާތް ހަދައި ނިމިފައިވާކަމަށެވެ. އަދި މިމަހުގެ ފަހުކޮޅު އެތަނުގައި ބޯޓު ބިލްޑިން މަސއްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ބޯޓުތައް މަރާމާތު ކުރުމަށް ޑޮކްޔާޑެއް ގާއިމުކުރަންނިންމާފައިވާކަމަށާއި، އެ ޑޮކްޔާޑް ހެދުމުގެ މަސައްކަތަށް މިހާރު ބިމެއް ފާހަގަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ، މިތަންތަނާއެކު ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ލިބި، އިގުތިސާދީ ހަރަކާތްތަކާއެކު ރައްޔިތުންނަށް ލިބޭ މަންފާ އިތުރުވާނެއެވެ.

ސީއީއޯ ވަޖީހު ވަނީ 2 އޯގަސްޓް 2024 ގައި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ޒިޔާރަތްކުރަށްވައި، އެތަނުގައި އެ ކުންފުނިން ހިންގަމުންދާ އޮޕަރޭޝަންގެ ކަންކަން ބައްލަވާލައްވާފައެވެ. މި ދަތުރުގައި ކުޅުދުއްފުށީ ޕޯޓުގައި އެކުންފުނިން ޤާއިމް ކުރަމުންދާ ބޯޓް ޔާޑް ގެ މަސައްކަތް ވެސް ވަޖީހު ވަނީ ބައްލަވާލައްވާފައެވެ.