މާލޭ މުނިސިޕަލްޓީގެ ދުވަސްވަރު, މީގެ 16 އަހަރު ކުރިން ގެނައި ކޮޅުވެއްޓިއެއްގެ އިމްޕޯޓް ޑިއުޓީއަށް 1.1 މިލިއަން ރުފިޔާ ދައްކަން މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދާތީ އެ ފައިސާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ 2008 ވަނަ އަހަރު އޭރު މާލޭ މުނިސިޕަލްޓީގެ ދުވަސްވަރު އެ ތަނުގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ގެނައި ލޭންޑިން ކްރާފްޓެއްގެ މައްސަލާގަ އެވެ.

Ad
rt

2015 ވަނަ އަހަރުން ފެށިގެން ތަކުރާރުކޮށް އެންގުމުން ވެސް ސިޓީ ކައުންސިލުން ވަނީ ޑިއުޓީ ދައްކަން ދެކޮޅު ހެދީ އެ އުޅަނދު ގެނައީ ކޮރަޕްޝަންގެ މުއާމަލާތެއްގެ ތެރެއިން ކަމަށް ބުނެ އެވެ.

އެ މައްސަލާގައި މާލޭ މުނިސިޕަލްޓީގެ އެކަމާބެހޭ ސެކްޝަންގެ އޭރުގެ އިސްވެރިއަކަށް ހުންނެވި އަދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިސްމާއިލް އަބްދުލްހަމީދު ދޮޅު އަހަރަށް އަރުވާލަން 2011 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމުގެ ސަބަބުން އޭނާގެ މެމްބަރުކަން ވެސް ގެއްލުނެވެ.

ސިޓީ ކައުންސިލާ ދެކޮޅަށް ކަސްޓަމްސުން ދައުވާ ކުރުމުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ އުޅަނދު ގެނައީ ސިޓީ ކައުންސިލްގެ ނަމުގައި ކަމަށް ވާއިރު، އެ މުއާމަލާތުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވުމަކީ އިމްޕޯޓް ޑިއުޓީ ދެއްކުމުން ބަރީއަވެވޭނެ ސަބަބެއް ނޫން ކަމަށެވެ.

އެހެންކަމުން އެ އުޅަނދުގެ ޑިއުޓީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.