ވަޓްސްއެޕުން މިހާރު ބޭނުންކުރަމުންދާ ޗެނަލްތަކުގެ ވެރިފިކޭޝަން ޗެކް މާކްގެ ކުލަ ބަދަލުކުރުމަށް ނިންމައިފިއެވެ. މިގޮތުން މިހާރު ބޭނުންކުރަމުންދާ ފެހި ކުލައިގެ ޗެކް މާކް، ނޫ ކުލައަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

މި ބަދަލު ގެނައުމުގެ މަޤްޞަދަކީ ފޭސްބުކް އަދި އިންސްޓަގްރާމްގައި ބޭނުންކުރާ ޗެކް މާކްގެ ކުލައާ އެއްގޮތްކުރުމެވެ. މިކަމުގެ ސަބަބުން މެޓާގެ އެޕްތަކުގައި ބޭނުންކުރާ ވެރިފިކޭޝަން ޗެކް މާކްތައް އެއްގޮތްވެގެންދާނެއެވެ.

Ad
rt

ފީޗަރ ޓްރެކަރ ވާބެޓާއިންފޯއިން ބުނެފައިވާ ގޮތުގައި މި އައު ނޫ ކުލައިގެ ޗެކް މާކް މިހާރުވެސް ވަނީ އެންޑްރޮއިޑް ބޭނުންކުރާ ބައެއް ޓެސްޓަރުންނަށް ފޯރުކޮށްދީފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އައިއޯއެސް ބޭނުންކުރާ ޓެސްޓަރުންނަށްވެސް މި ފީޗަރ ލިބޭނެކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން ވަޓްސްއެޕްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މެސެޖްތައް އެޑިޓްކުރުމާއި، ފޮޓޯތަކަށް ޖަވާބުދިނުމުގެ ފީޗަރއެއް ތަޢާރަފްކުރުމަށް މެޓާއިން ވިސްނަމުންދާކަމަށްވެސް ވަނީ ހާމަކޮށްފައެވެ.