ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމް އެ އަތޮޅު ފުނަދޫގައި ފެށިގެން ކުރިއަށް އެބަދެއެވެ.
ޖުމްލަ އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް 34 ބައިވެރިންނާއިއެކު ފަށާފައި ވަނީ މި މަހު 4 ވަނަ ދުވަހުއެވެ. މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
އެ އަތޮޅުގައި 14 ރަށެއްގައި މީހުން ދިރިއުޅެއެވެ. ނަމަވެސް މި ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ އަތޮޅުގެ 13 ރަށުން، ކޮންމެ ރަށަކުން ދެ ބޭފުޅުންނެވެ.
މި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުގެ ހުރުމާއި ކެއުން ފުނަދޫގައި ހަމަޖައްސައި ދީފައި ވަނީ ށ.އަތޮޅު ކައުންސިލުންނެވެ.
ފުޓްސަލް ރެފްރީން ތަމްރީން ޕްރޮގްރާމެއް އެ އަތޮޅުގައި ކުރިއަށް ގެންދަން އަތޮޅު ކައުންސިލުން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގެ ރަށްތަކުގައި ފުޓްސަލް އަކީ ފޯރިއާއެކުކުޅޭ، ރަށާއި އަތޮޅު ފެންވަރުގެ މުބާރާތްތައް ވެސް ބާއްވާ ކުޅިވަރަކަށްވާއިރު، މުބާރާތްތައް ކުރިއަށް ގެންދަން ރެފްރީންގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަން ހައްލު ކުރުމެވެ. އަދި އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީންވެ އެ ފުރުސަތުގެ ބޭނުންހިފައި އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މި ޕްރޮގްރާމަކީ އެ އަތޮޅު ކައުންސިލާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިއުޓް އޮފް ސްޕޯޓްސް، އަދި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ، އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!