ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ހުންނަ ތާރީހީ ކާނިގަހުގައި ރޯކޮށްލި މީހުން ހޯދައި ހައްގު އަދަބު ދިނުމަށް ހއ.އަތޮޅު ކައުންސިލުން ގޮވާލައިފިއެވެ.
ބާރަށު އީދުކުޅޭ މަގުގައި، ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނި ކަޑައިން ހެދުނު ގަހުގައި ބަޔަކު ރޯކޮށްލާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރެއެވެ. އެ ގަހަކީ 400 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ހުރި ގަހެކެވެ.
އެ ގަހުގައި ރޯކޮށްލުމުން އަތޮޅު ކައުންސިލުން ވަނީ މިއަދު އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން، ފަންރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކާނި ކަޑައަކުން ހެދުނު ގަހެއް ކަމަށާއި އެ ގަސް ހުރި ސަރަހައްދަކީ ރައްކާތެރިކޮށް ހިމާޔަތްކޮށް އިގްތިސާދީ އަދި އިޖްތިމާއީ ފައިދާ ލިބޭތަނަކަށް ބަދަލުކުރުމަށް ސަގާފީ ތަރިކަ ރައްކާކުރުމާއި ބެހޭ ގައުމީ މަރުކަޒުން ބަޔާން ކޮށްފައިވާ ތަނަކަށް ވީހިނދު، ސަގާފީ ތަރިކައިގެ ގާނޫނުގެ ދަށުން މި މައްސަލަބަލައި ދިނުމަށް ދިވެހި ފުލުހުންނަށް ގޮވާލާކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މި މައްސަލާގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެކަމުގައި ޒިންމާވާ ފަރާތްތަކާއިމެދު ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް އެ ކައުންސިލުން ގޮވާލާކަމަށެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ހއ.އަތޮޅުގައި މިފަދަ އަމަލުތައް މަދުން ނަމަވެސް ހިނގާފައިވާތީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މިފަދަ ކަންކަން ހުއްޓުވުމަށާއި، ތާރީހާއި ގުޅޭ މިފަދަ ތަންތަން ހިމާޔަތް ކުރުމަށް މިހާރަށްވުރެ ބޮޑަށް އިސްކަމެއް ދީގެން ކުރިއަށް ގެންދިޔުމަށް ވެސް އެ ކައުންސިލުން ވަނީ ގޮވާލާފައެވެ.
ކަޅުއޮށްފުންމިއަކީ 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާން އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމަށް އުތީމު މަހާރަދުން ބެންނެވި އޮޑިއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!