ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ލަކީސްޓަރ، ޢުލްޔާ އިބްރާޙިމް ޝަރީފްއަކީ ކުޑައިރުއްސުރެ ޤުރުއާން ކިޔެވުމުގައި ވަގުތު ހޭދަކުރަމުން އަންނަ ކުއްޖެކެވެ.
ޢުލްޔާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވި ސަބަބުތަކުގެ ތެރޭގައި ޤުރުއާން ތިލާވާ ކުރުމުގެ ހުނަރު އިތުރަށް ތަރައްގީކޮށް ޤުރުއާނުގެ ރޮނގުން ކުރިއަށް ދިޔުމަށް މި މުބާރާތުގެ ތެރެއިން އެހީތެރިކަން ލިބުން ހިމެނެއެވެ.
ޢުލްޔާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ޢުލްޔާ ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް
- އިޤްރައު ޕްރޮގްރާމް 2021-2022 ގައި ބައިވެރިވެ 6 ފޮތް ހިތުދަސްކުރުން
- އިޤްރައު ޕްރޮގްރާމް 2023-2022 ގައި ބައިވެރިވެ 7 ފޮތް ހިތުދަސްކުރުން
- ރަންތަރި ޤުރްއާން މުބާރާތް 1444 ބަލައިގެން ކިޔވުމުގެ ގޮފިން 12 އަހަރުން ދަށުގެ އުމުރުފުރައިން 3 ވަނަ
- ޗޭނު ޖަމިއްޔާގެ 10 ވަނަ ޤުރްއާން މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ
- ރަންތަރި ޤުރްއާން މުބާރާތް 1445 ގެ 15 އަހަރުން ދަށުގެ އުމުރުފުރައިން ނުބަލާ ކިޔެވުމުގެ ބައިން 3 ވަނަ
ޢުލްޔާއަށް ޤުރުއާން އުނގެނުމުގެ ނިއުމަތް މިންވަރު ކުރެއްވިކަމަށްޓަކައި އޭނާ ﷲ އަށް ހަމްދު ކުރެއެވެ. އަދި މި އިލްމު އުނގައްނައި ދެއްވުމުގައި މަންމައާއި ބައްޕަ، ފާންތަގެ އިތުރުން އެހީތެރިވެ ދެއްވި މުދައްރިސުންގެ ނަން އޭނާ ފާހަގަ ކުރެއެވެ.
ޢުލްޔާއަކީ ލިބޭ ހުސް ވަގުތުގައި ވެސް ޤުރުއާން ކިޔަވާ ކުއްޖެކެވެ. މީގެ އިތުރުން ލިބޭ ހުސް ވަގުތުގައި ކޮއްކޮމެންނާއިއެކު ކުޅުމާއި ވާހަކަ ކިޔުމަކީ އޭނާ ކޮށްއުޅޭ ކަންކަމެވެ.
މި މުބާރާތާއި ޢުލްޔާ ކުރިމަތިލަނީ އެންމެ މޮޅު ފަސް ބައިވެރިންގެ ތެރޭގައި ހިމެނި ފައިނަލުގައި ވާދަ ކުރުމުގެ އުންމީދުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!