އުރީދޫ މޯލްޑިވްސް އިން، ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި، ޕީސް ކޭބަލް ކުޅުދުއްފުށީގައި، ގާއިމު ކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާ ގުޅާލައިފިއެވެ.
މިއީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލެއް ގުޅާލެވޭ ފުރަތަމަ ފަހަރެވެ. މިއަހަރުގެ 3 ވަނަ ކުއާޓަރުގައި މި ސިސްޓަމް މަސައްކަތް ކުރާނެކަމަށް ލަފާކުރެވޭކަމަށް އުރީދޫއިން ބުންޏެވެ.
މި ކޭބަލް ލޭންޑިން ސައިޓާ ގުޅާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާ ބެހޭ، މިނިސްޓަރު އާދަމް ޝަރީފެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެއާ ސިންގަޕޫރު އަދި ޔޫރަޕާ ގުޅާލެވޭ ޕީސް ކޭބަލް ކުޅުދުއްފުށީގައި އެޅުމަކީ އެ ސިޓީއަށް އަދި މުޅި ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި މަސައްކަތުގެ ސަބަބުން މުޖުތަމައަށް އިތުރު މަންފާ ލިބި، އިތުރު ދޮރުތައް ހުޅުވިގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އުރީދޫއިން، ވާދަވެރި މާހައުލެއްގައި ރާއްޖެއަށް އީޖާދީ އެތައް ހިދުމަތެއް ތައާރަފުކޮށް، ރާއްޖެ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަންވެސް މިނިސްޓަރު ފާހަގަކުރައްވާފައެވެ.
އުރީދޫ މޯލްޑިވްސް ގެ ޗީފް ކޮމާރޝަލް އޮފިސަރު ހުސެއިން ނިޔާޒް ވަނީ، މި މަސައްކަތާއެކު ކުޅުދުއްފުށްޓަށް އަދި މުޅި ރާއްޖެއަށްވެސް ކުރިއެރުން ލިބި އުރީދޫއިން ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅުވެގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި، ކުޅުދުއްފުށި ސިޓީގެ ނަން ދުނިޔޭގެ ސަބްމެރީން ކޭބަލް މެޕް ތަކުގައި ހިމެނިގެން ދާނެކަން ނިޔާޒް ފާހަގަކުރެއްވިއެވެ.
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަނީ، އައު އިންޓަނޭޝަނަލް ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހޯސްޓްކުރުމަށް އެ ސިޓީ އިހްތިޔާރުކުރި ކަމަށްޓަކައި އުރީދޫ މޯލްޑިވްސް އަށް ޝުކުރުއަދާކޮށްފައެވެ. އަދި އުއްމީދަކީ ކުޅުދުއްފުށި ސިޓީ، ޑިޖިޓަލް މައި ހަބަކަށްވެ، މުޖުތަމައަށާއި ދިވެހި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި މަންފާ ލިބުންކަމަށް އޭނާ ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕް އަދި އެފްރިކާއާ ވެސް ރާއްޖެ ގުޅާލެވޭނެއެވެ. އުރީދޫ އިން މި ސަބްމެރިން ކޭބަލްއަށް އިންވެސްޓް ކުރުމަށް ނިންމާފައިވަނީ އިންޓަނެޓްގެ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. މި ކޭބަލްއާއެކު 5ޖީ ގެ ގާބިލްކަން އިތުރުކޮށް، އިޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި، ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!