އިސް ރަށްވެހިންގެ މަރުކަޒުތައް ރަށްރަށުގައި ގާއިމު ކުރުމުގެ މަސައް ކުރިއަށްދާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމު މިއަދު ވިދާޅުވެއްޖެއެވެ.
އިސްރަށްވެހިންނަށް މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ މާލޭގައި ގާއިމުކުރި "އިސްރަށްވެހިންގެ ނާދީ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ އިސް ރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ބިނާ ކުރުމުގެ މަސައްކަތުގެ ދަށުން މިއަދު މާލޭގައި މި މަރުކަޒު ހުޅުވުނު ނަމަވެސް ރަށްރަށުގައި މިފަދަ މަރުކަޒުތައް ބިނާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މާލޭގައި މި ހުޅުވުނު އިސްރަށްވެހިންގެ ނާދީއަކީ ވަރަށް ގިނަ ބައެއްގެ މިންނަތް މަސައްކަތާއި ދީލަތި ކަމުގެ ފޮނި ނަތީޖާ ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ މިނިސްޓްރީގެ ފަރާތުން ހަފްތާ 14 ގެ ތެރޭގައި ފުއްދަން ޖެހޭ ހުރިހާ ވައުދެއް މިހާރު ވަނީ ފުއްދައި ނިމިފައެވެ.
އައިޝަތު ޝިހާމް ވިދާޅުވީ ނާދީއަކީ އިސް ރަށްވެހިން ބަލައިގަންނަ ތަނަކަށް ހެދުމަށް ފެށި މި ދަތުރުގައި ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވަރަށް ފޯރިއާ އެކުގައި ބައިވެރިވެފައިވާ ކަމަށެވެ.
"މި ނާދީ ވާނީ އުމުރުން ދުވަސްވީ ވުމުގެ ސަބަބުން ކުރިމަތިލާން ޖެހިދާނެ ނުތަނަވަސްކަމަށް އިސްރަށްވެހިންގެ ހިތްތަކަށް ފޯރުވައި ދެވުނު އުފާވެރި ތަސައްލީއަކަށް. އިސްރަށްވެހިންގެ ތަޖުރިބާ އާއި ހަނދާންތައް ހިނިތުންވާނެ އުފާވެރި ބަހާއަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އިސްރަށްވެހިން މި ތަނުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ. އަދި އިސް ރަށްވެހިން އެ ނާދީ އަށް ޒިޔާރަތް ކުރައްވައި މި މާހައުލުގެ އުފާވެރިކަން އިހްސާސް ކުރުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!