ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓް އަދި ކްރެޑިޓް ކާޑް ލިމިޓް ކުޑަކުރަން ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި ކާޑް ލިމިޓަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބީއެމްއެލުން ދޫކުރާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަ ކުރަން ނިންމަނީ ކަމަށް ބުނެ، ރާއްޖޭގެ ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފު ހަބަރު ފަތުރަމުންދާ ކަމަށެވެ. ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަ ކުރުމަށް އެއްވެސް ނިންމުމެއް ބީއެމްއެލް އިން އަދި ނިންމާފައި ނުވާ ކަމުގެ ޔަގީންކަން ބޭންކުން މިނިސްޓްރީއަށް ދީފައިވާ ކަމަށް ފިނޭންސްގެ ބަޔާނުގައިވެއެވެ.

Ad
rt

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަަށް ބަލައި، ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް މިނިސްޓްރީ އާއި މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ހަމައެއާ އެކު، ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަ ކުރެވޭނެ މަގުތައް ފަހި ކުރުމަށް ދިވެހި ސަރުކާރުން ކެނޑި ނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ފިނޭންސްގެ ބަޔާނުގައި ވަނީ ސަރުކާރުން ވެރިކަމާ ހަވާލުވިއިރުގައި ގައުމަށް ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ބުނެފައެވެ.

"އިގްތިސާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ހަބަރުތައް ނުފެތުރުމަށާއި ޒިންމާދާރުކަމާއި ކަމުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ރާއްޖޭގެ ހަބަރު ފަތުރާ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ބީއެމްއެލް އަށް ޑޮލަރު ލިބުން ދަތިވެ ރުފިޔާ އެކައުންޓުތަކުގެ ކާޑު ލިމިޓް 90 ޕަސެންޓާ ހަމަޔަށް ކުޑަކުރަން ޖެހިދާނެ ކަމަށް އެ ބޭންކުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ހަބަރު ފަތުރައިފައެވެ. ކާޑުގެ ޑޮލަރު ލިމިޓުން 90 ޕަސެންޓު ކަނޑާލައިފި ނަމަ ޑެބިޓް ކާޑުތަކުގެ ތެރެއިން ރާއްޖޭގައި ބޭނުން ކުރެވޭ ކާޑުތަކުގެ ލިމިޓު 25 ޑޮލަރަށް ކުޑަވާނެއެވެ. އަދި ރާއްޖެ އިން ބޭރުގައި އުޅޭ މީހުން ޑެބިޓް ކާޑުން 75 ޑޮލަރަށް އަދި ކްރެޑިޓް ކާޑުގެ ލިމިޓު ވެސް 75 ޑޮލަރަށް ކުޑަ ވާނެއެވެ.