ޤައުމިއްޔަތު މާއްދާ މުޅި ރާއްޖޭގައި ކިޔަވައިދޭން ފަށާނީ އަންނަ ދިރާސީ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް "ރައީސްގެ ޖަވާބު" ނަމުގައި ސަރުކާރުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން މާވަށު ސްކޫލުގެ ޕްރިންސިޕަލް، ޒުލައިޚާ ރަފީޢު، ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

މި ސަރުކާރުން ތައާރުފުކުރި ޤައުމިއްޔަތުގެ މާއްދާ ރާއްޖޭގެ ބައެއް ސްކޫލްތަކުގައި މިހާރު ކިޔަވައިދެމުން އަންނަކަން ފާހަގަކޮށް، ލ. އަތޮޅު ސްކޫލްތަކުގައި މި މާއްދާ ކިޔަވައިދޭން ފަށާނީ ކިހާތާކުތޯ ޒުލައިޚާ ވަނީ ރައީސް އަރިހު ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ރައީސް ދެއްވި ޖަވާބުގައި ވިދާޅުވީ، މިހާރު ހިނގަމުންދަނީ ޤައުމިއްޔަތު މާއްދާގެ ޕައިލެޓް ޕްރޮޖެކްޓް ކަމަށެވެ.

‘’މިހާރު ޤައުމިއްޔަތު މާއްދާގެ އެ ހިނގަނީ ހަމައެކަނި ޕައިލެޓް ޕްރޮޖެކް ފޭސް. 11 ސްކޫލެއް އެޑިޔުކޭޝަން މިނިސްޓްރީ އިން ޚިޔާރުކުރައްވައިގެން، އެކިކަހަލަ ޕައިލެޓް ކުރުމުގެ މަސައްކަތްތަކެއް އެ ހިނގަނީ. މިހުރިހާ ކަމެއް ނިމުނީމަ އިރާދަކުރެއްވިއްޔާ ދެންފެށޭ ދިރާސީ އަހަރު ޤައުމިއްޔަތު މާއްދާ ރޯލްްއައުޓް ކުރެވިގެން ދާނެ’’ ރައީސް މުޢިއްޒު ވިދާޅުވެފަވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ދިވެހި ޤައުމިއްޔަތު އިއާދަކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާއިރު، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމެއް މިހާރުވަނީ އެކަށަހަޅުއްވާފައެވެ. މިގޮތުން ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު ''ހަފުތާ 14'' ގައި ހިމަނައިގެން ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމުގެ ތެރެއިން ތިން އިދާރާއެއް 10 ޑިސެމްބަރު 2023 ގައި ގާއިމު ކުރައްވާފައެވެ.

އެ އިދާރާތަކަކީ ދިވެހި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖާއި އަދި ދިވެހި ޤައުމީ ޗާޕުޚާނާ އެވެ.

ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމު ގާއި ކުރުމުގެ މަސައްކަތަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށުން ހިންގާ މަސައްކަތެކެވެ. ތަރިކައިގެ ކޮލެޖުގެ މަސްއޫލިއްޔަތަކީ މި ދާއިރާއިން ޢިލްމީ ޤާބިލު ބަޔަކު އުފައްދައި، ދިރާސާވެރީން ހޯދައި ކިޔަވައިދިނުމާއި ދިވެހި އަމިއްލަވަންތަކަމުގެ ޢިލްމީ ޤާބިލުކަން މީހުންގެ ކިބައިގައި އަށަގެންނެވުމެވެ.

ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒުގެ ދައުރަކީ، ދިވެހިވަންތަކަމުގެ ޢިލްމެއް އުފަންކޮށް އިޢާދަކޮށް ދެމެހެއްޓުމުގައި ދެމިއޮތުމެވެ. މިގޮތުން، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމަށް ބޭނުންވާ ޢިލްމީ މަޢުލޫމާތުތައް އެއްކުރުމާއި، ދިރާސާކޮށް ޢިލްމީ ލިޔުންތައް އެކުލަވާލުމާއި، ދިރާސާތައް ޝާއިޢުކުރުމާއި ޤައުމިއްޔަތުގެ ޢިލްމީ ކޮންފަރެންސްތައް ބޭއްވުމާއި އަދި ޤައުމިއްޔަތުގެ ޢިލްމަށް ހޭލުންތެރިކުރުވުން މީގެތެރޭގައި ހިމެނެއެވެ. އަދި ދިވެހި ޤައުމީ ޗާޕުޚާނާގެ ދައުރަކީ މި ނިޒާމުން އުފައްދާ ދިވެހީންގެ ދިވެހި އުފެއްދުންތައް އާންމުކޮށް ފެތުރުމެވެ.