ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫއިން ދަނޑުވެރިކަން ކުރުމަށް ދޫކުރާ ބިންތަކަށް އެދުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
އެ ރަށުން ދަނޑުވެރިކަމަށް ދަނޑުބިން ދޫކުރުމުގެ އުސޫލް ނިންމައި އާންމު ކޮށްފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ އުސޫލުގައި ތިން ގިންތިއަކަށް ދަނޑުބިންތައް ވަނީ ބައި ކޮށްފައެވެ. ކުދި ދަނޑުގެ ގޮތުގައި ދޫކުރަނީ 1000 (އެއްހާސް) އަކަފޫޓުގެ ދަނޑެވެ. މެދު ދަނޑުގެ ގޮތުގައި ދޫކުރަނީ 1001 (އެއްހާސް އެކެއް) އަކަފޫޓާއި 5000 (ފަސްހާސް) އަކަފޫޓާއި ދެމެދުގެ ދަނޑުބިންތަކެވެ. އަދި ބޮޑު ދަނޑުގެ ގޮތުގައި ދޫކުރަނީ 5001 (ފަސްހާސް އެކެއް) އަކަފޫޓާއި 20000 (ވިހިހާސް) އަކަފޫޓާއި ދެމެދުގެ ދަނޑުބިންތަކެވެ.
އެ ކައުންސިލުން ވަނީ ކުދި، އަދި މެދު ސައިޒުގެ ދަނޑު ބިންތަކުން އަކަފޫޓަކަށް 0.05 (ފަސްލާރި) މަހުފީގެ ގޮތުގައި ނެގުމަށް ނިންމާފައެވެ.
އެ ރަށުގައި ދަނޑުބިންތައް ނަގައިގެން މިހާރުވެސް ގިނަ ބަޔަކު ދަނޑުވެރިކަން އަންނަނީ ކުރަމުންނެވެ. އައު އުސޫލުގެ ދަށަށް އެ ދަނޑުތައް ގެނައުމަށްޓަކައި ކުރިން ދަނޑުބިން ލިބިފައިވާ ފަރާތްތަކުންނާއި އަލަށް ދަނޑުބިން ބޭނުންވާ ފަރާތްތަކުން އެ އިދާރާއަށް ދުރުވެ "ދަނޑުބިމަށް އެދޭ ފޯމް" ނަންގަވައި ފުރިހަމަ ކުރުމަށް ފަހު ހުށަހަޅަން ޖެހެއެވެ.
ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދުމުގެ ފުރުސަތު އަންނަ މާޗް މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް (13:30) އެ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!