ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޚިޔާނާތާއި މަނީ ލޯންޑަރިންގެ ދަޢުވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް މައްޗަށް ކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
އެފްއޭއެމް އަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ އިތުރު ކުށުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގެއް ހިންގަން ފުލުހުންގެ މައްޗަށް އަމުރުކުރުން ފުލުހުން ވަނީ 22 އޮކްޓޯބަރު 2023ގައި މާފަންނު ސްޓޭޑިއަމް ހުޅަނގުގައި ހުންނަ އެފްއޭމުގެ މައި އޮފީސް ''އެފްއޭއެމްހައުސް''އަށް ވަދެ، ތަހުގީގަށް ބޭނުންވާ މަސައްކަތްތައްކޮށްފައެވެ.
އެ މައްސަލައާއިގުޅިގެން ނިއުޅެމުންދާ ކަންކަމުގެ ތެރެއިން މިމައްސަލައިގެ ތަޙްޤީޤު އަދިވެސް ކުރިއަށްދާއިރު، އިތުރު ބައިތަކުގެ ތަޙްޤީޤު ނިމެމުންދާ ވަރަކަށް އެބައިތަކާ ގުޅިގެން ދަޢުވާ ކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ ކޯޓަށް ހުށަހަޅަމުންދާކަމަށް ޕީޖީ އޮފީހުން މިއަދު ވަނީ ބުނެފައެވެ.
މި މައްސަލާގައި ބައްސާމުގެ މައްޗަށް އުފުލުމަށް ޕީޖީން ކްރިމިނަލް ކޯޓުގައި ދެ ދަޢުވާއެއް އުފުލައިދޭން އެދިފައިވާކަން ހާމަކޮށް ޕީޖީން މިއަދު ބުނީ އެއީ މިހާރު ތަޙްޤީޤު ކުރިއަށް ދިޔަ ހިސާބުން ބައްސާމްގެ މައްޗަށް އުފުލުމަށް ހުށަހެޅި ދަޢުވާތަކެއް ކަމަށެވެ.
މިގޮތުން ޕީޖީން ބައްސާމްގެ މައްޗަށް ކޮށްދޭން ޕީޖީން ހުށަހެޅި އެއް ދަޢުވާ އަކީ ޚިޔާނާތްތެރިވުމުގެ ދަޢުވާއެވެ.
ޕީޖީން ބައްސާމްގެ މައްޗަށް އުފުލި ޚިޔާނާތުގެ ދަޢުވާ: ބައްސާމް، 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމް ގެ ރައީސްގެ މަޤާމުގައި ހުރެ، އެ އެސޯޝިއޭޝަންގެ ކަންކަމަށް ބޭނުންކުރުމަށްޓަކައި، ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) ގެ ފަރާތުން އެމެރިކާ ޑޮލަރުން އެ އެސޯޝިއޭޝަންއަށް ދެމުން ގެންދިޔަ ފައިސާގެ ތެރެއިން، އެ އެސޯޝިއޭޝަންގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން، ބައްސާމުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓަކަށް $10,000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ޖަމާކުރުމަށްޓަކައި، ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި $10,004.00 (ދިހަހާސް ހަތަރު އެމެރިކާ ޑޮލަރު) ގެ ޓްރާންސްފަރކުރުމަށް ލިޔެ، 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައި، ބޭންކް ޗަރޖަސްގެ ގޮތުގައި $5.00 (ފަސް އެމެރިކާ ޑޮލަރު) އުނިކުރުމަށްފަހު $9,999.00 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) ބައްސާމުގެ އެކައުންޓަށް ޖަމާކޮށްފައިވާތީއާއި،
އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީނަމަވެސް، $9,999.00 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) އަށްވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީއާއި،
ބައްސާމް، އެ ފައިސާ އެފްއޭއެމްއަށް ޖަމާކޮށްފައިވާކަން ވެސް އެނގެން ނޯންނާތީއާއި، މިފައިސާ ބައްސާމް އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާކޮށްދޭން ޕީޖީން ވަނީ ކޯޓުގައި އެދިފައެވެ. މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ޕީޖީން ބައްސާމްގެ މައްޗަށް ކޮށްދޭން ޕީޖީން ހުށަހެޅި އަނެއް ދަޢުވާ އަކީ މަނީ ލޯންޑަރިންގެ ދަޢުވާއެވެ.
ޕީޖީން ބައްސާމްގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދަޢުވާ: ބައްސާމް، 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމް ގެ ރައީސްގެ މަޤާމުގައި ހުރެ، އެ އެސޯޝިއޭޝަންގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) ގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ބައްސާމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރުމަށްޓަކައި 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައިގެން ބޭންކް ޗަރޖަސް އުނިކުރުމަށްފަހު 9،999.00 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) މީނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން $1,910.00 (އެއްހާސް ނުވަސަތޭކަ ދިހަ އެމެރިކާ ޑޮލަރު) 2 ސެޕްޓެންބަރު 2018 ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ޙިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ކަންކަމަށް ބޭނުންކޮށްފައިވާތީއާއި،
އެ ފައިސާގެ ތެރެއިން $2,000.00 (ދެހާސް އެމެރިކާ ޑޮލަރު) 5 ސެޕްޓެންބަރު 2018 ދުވަހު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ކ. މާލެ، ރެހެންދި 6-302 ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާތީއާއި، އެފް.އޭ.އެމް އިން ބައްސާމްގެ އެކައުންޓަށް ޖަމާކުރި ފައިސާ، އެކި ޢަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފް.އޭ.އެމް.އާ ގުޅުމެއް ނެތް ކަންކަމަށް އެފައިސާ ހަރަދުކޮށް، އެ ފައިސާ ބައްސާމްގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީ،
މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑަރކުރުމުގެ ކުށުގެ ދަޢުވާއާއި، ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށް އެދި ޕީޖީން ވަނީ ކޯޓުގައި އެދިފައެވެ. މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން؛ ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!