ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ''މަންސަފާ''ގެ ނަމުގައި ކުރިއަށް ގެންދާ އުނގަންނައި ދިނުމުގެ ޕްރޮގްރާމް އެ އަތޮޅު މޮޅަދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް، އެ ސްކޫލުގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށެވެ.

Ad
rt

މިއީ ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުން ''އޭ'' ލެވެލް އަދި ''އޯ'' ލެވެލް އިމްތިހާނަށް ތައްޔާރުކޮށް ދިނުމަށް އެހީތެރިވުމަށް އިމަގުން ފަށާފައިވާ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން އެހީތެރިކަމަށް އެދޭ މަދަރުސާތަކަށް ކިލާސްތައް ނަގައިދީ، އިމްތިހާނުތަކަށް ދަރިވަރުން އިތުރަށް ތައްޔާރު ކުރުމަށް އިމަގު ޖަމިއްޔާގެ ''ޓީޗާސް ޕޫލް''ގައި ހިމެނޭ ތަޖުރިބާކާރު، ތަޢުލީމީ އެދުރުންގެ އެހީތެރިކަން ފޯރުކޮށްދެނީ ހިލޭ ސާބަހަށެވެ.

2021 ވަނަ އަހަރު އިމަގުން ފެށި މި ޕްރޮގްރާމް މިހާރު ވަނީ ރާއްޖޭ އެކި ހިސާބުތަކުގެ ސްކޫލްތަކުގައި ކުރިއަށް ގެންގޮސްފައެވެ. މަންސަފާ ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތުދެމުން އިމަގުގެ ރައީސް މޫސާ އަލީ ބުނީ މި އަހަރުތެރޭ ވެސް ވަގުތު ލިބޭ މިންވަރަކުން މި ޕްރޮގްރާމް އެކި ސްކޫލްތަކުގައި ކުރިއަށް ގެންދާނެ ކަމަށާއި، މިހާރު ވެސް މި ޕްރޮގްރާމް ކުރިއަށް ގެންގޮސް ދިނުމަށް މާލޭގެ ބައެއް ސްކޫލްތަކުގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގެ ސްކޫލްތަކުން އެދެމުން އަންނަ ކަމަށެވެ.