2019 ވަނަ އަހަރުގެ ޑިސެމްބަރު 4 ވީ ބުދަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 75 ވަނަ ޖަލްސާއިން ފާސްކުރި "އާމްދަނީން ޓެކްސް ނެގުމުގެ ބިލު" ރައީސް ސާލިޙް ތަސްދީގުކޮށް، ޤާނޫނެއްގެ ގޮތުގައި ވުޖޫދަށް އައިސްފައިވަނީ 17 ޑިސެމްބަރު 2019 ވަނަ ދުވަހުއެވެ.
އިންކަމް ޓެކްސް ނެގުމުގެ ގާނޫނުގެ ބޭނުމަކީ މުއްސަނދިންނާއި ފަގީރުންގެ މެދުގައި އޮންނަ ފަރަގު ކުޑަ ކުރުމެވެ.
އިންކަމް ޓެކްސް ތައާރަފު ކުރުމުން ރައްޔިތުން ޤަބޫލު ކޮށްގެންތިބީ މުއްސަނދިކަމާއި ފަޤީރު ކަމުގެ ފަރަގު ކުޑަވުމަށް އެ ޤާނޫނުން ބާރު ލިބި، ދިރިއުޅުން ތިޔާގި ވާނެކަމަށެވެ.
އެޓެކްސް ނެގުމަށް ސިޔާސީ ބޮޑުން ގިރިޓީކޮށްދިން ކުލަޔަކީވެސް މަހުޖަނުން ނަގަމުން ދިޔަ ފައިދާ ރައްޔިތުންނަށް ބަހާލަ ދެނީ ކަމުގެ ކުލައެވެ.
ދައުލަތަށް އަންނަ މާލީ ދުޅަހެޔޮ ކަމުގެ އަސަރު ރައްޔިތު މީހާއަށް ކުރާނެ ކަމާމެދު ޝައްކެއްވެސް ނެތެވެ. ރަނގަޅު ނިޒާމަކުން ކަންކަން ބަލައި މޮނިޓަރު ކުރުމަކީ ސަރުކާރާއި، ކަމާގުޅުން ހުރި އެންމެހާ ފަރާތްތަކުގެ ޒިންމާއެކެވެ. އެހެންނުވާނަމަ ޖެހޭތާގައި ޖެހުން ހަމަ ކައިރިއެވެ.
އިންކަމް ޓެކްސް ޤާނޫނު ފާސްވުމާއެކު ފުރަތަމަވެސް ތިލަމިވީ، މާލޭގެ ކުލި ބޮޑުވާ ވާހަކައެވެ. މާލޭގެ ކުލި ބޮޑުވުމަކީ ރާއްޖޭގެ އެތައް ހާސް ރައްޔިތުންގެ ޖީބަށް ސީދާ އޭގެ ބުރަ އަންނާނޭ ކަމެކެވެ.
މާލެއަށް އެކި ބޭނުންތަކަށް އައިސްފައިވާ ހިޖުރަވެރިންނަކީ ތައުލީމާއި، ވަޒީފާގެ ފުރުޞަތާއި، ބޭސް ފަރުވާއާއި އަދި މިނޫންވެސް ތަފާތު ބޭނުންތަކަށް މާލެ އައިސް ރެޔާ ދުވާލު ގުދުބިންދައިގެން ލިބޭ އާމްދަނީއިން ކުލިދައްކައި، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިގެން އުޅޭ ބަޔެކެވެ.
ޒަމާނުއްސުރެ ރާޒުވާ ކުޅިބައި އަތުރާފައިހުރީ މާލެއަށް ހިޖުރަ ކުރަން ޖެހޭ ގޮތަށެވެ. ލިބޭ އާމްދަނީ މާލޭގެ ތެރެއަށް ހުސްވެ، ނިމޭނެ ގޮތަށެވެ. އެހެންކަމުން މާލޭގެ ޑިމާންޑަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
ދައްކަމުން މިދަނީ އިންކަމް ޓެކްެސްގެ ވާހަކަ ކަމުން އިސްވެ ދެންނެވި ނުކުތާތަކާއި އެ ޓެކްސް މިއޮތީ ލާމެހިފައެވެ. އިންކަމް ޓެކްސްއާއި ގުޅިގެން ކުލި ބޮޑުކުރަނީއެވެ. ރައްޔިތު މިހާއަށް ތަކުލީފު އިތުރުވީއެވެ.
ގޭގެވެރިން ޓެކްސް ދެއްކުމަށް އެބައި ކުއްޔަށް ތިބޭ މީހުން އަތުން ނެގުމަށް ކުއްޔަށް އެބަދަލު ގެންނަނީއެވެ. ކުލި ބޮޑުވީއެވެ.
ގޭގެ ތިރިން ކުއްޔަށްދީފައި ހުރި ފިހާރައާއި، ގުދަނުގެ ކުއްޔަށްވެސް އެބައި އިތުރުކުރަނީއެވެ. ފިހާރަވެރި މީހާވެސް އޭނާގެ ކުއްޔަށް އިތިރުވިބައި ހޯދަން މުދަލުގެ އަގު ބަދަލުކޮށް ބޮޑުކުރަން މަޖުބޫރުވީއެވެ. ގުދަނުގެ ވެރިމީހާވެސް އަމަލުކުރަނީ އެބީދައިންނެވެ. ގުދަނުގައި ހުރި މުދާ ވިއްކަން ފިހާރައަށްލާއިރު، ބޮޑުވިބައި ހޯދާނީ މުދަލުގެ އަގު ބޮޑުކޮށްގެންނެވެ.
އިންކަމް ޓެކްސްއާއި ގުޅިގެން ކުއްޔަށް ބަދަލު އަންނަނަމަ ބަރުވާނީ ހަމައެކަނި ކުއްޔަށްތިބޭ މީހުންގެ ޖީބަކަށް ނޫނެވެ. ބާޒާރުގެ މުދަލަށްވެސް ބަދަލު އަންނާނެއެވެ. ސައި ހޮޓަލުގެ ކުލި ބޮޑުވީމައި އެޚިދުމަތުގެ އަގުވެސް ބޮޑުވާނެއެވެ. ކުލި ބޮޑުވުން އޮތީ މިކަހަލަ އެތައް ކަމަކާއި ގުޅިފައެވެ.
އިންކަމް ޓެކްސް ގެނައި މަގުސަދު ހާސިލުވާނީ ފާރަވެރިވެ، ރަނގަޅަށް ބެލިގެންނެވެ. ނަމަވެސް މޮޅުލިބޭ ސިޔާސީ މީހާ މިއަދުވެސް ކުލި ކޮންޓްރޯލް ނުވާނެ ކަމަށާއި، ކުޑަވެސް ނުވާނެކަމަށް ބުނުމުން ނިކަމެތި ރައްޔިތުންވަނީ މާޔޫސެވެ. އެބޭފުޅުންގެ އަނބިދަރީން މެލޭޝިއާ، ސިންގަޕޫރު ފަދަ ޤައުމުތަކުން އުފާހޯދިޔަސް ނިކަމެތި ރައްޔިތުމީހާއަށް އޮތީ ގުލާންކޮށްގެން އެބޭފުޅުންނަށް ކުލިދެއްކުމެވެ.
އިންކަމް ޓެކްސް ނެގުމާއި އިއްވި ވާހަކަތަކާއި ދިމާވޭތޯ ރައްޔިތުން އެބަ ސުވާލު އުފައްދައެވެ. އިންކަމް ޓެކްެްސްގެ މަޤްސަދު ރަނގަޅުވެފައި، ސާދާނަމަވެސް މިދާ މިސްރާބު ރަނގަޅުތޯއެވެ؟ މަހުޖަނުމީހާ ގައިންނެއްޓި، ބުރަ މިއަންނަނީ ރައްޔިތުމީހާ ޖީބަށްނޫންތޯއެވެ؟
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!