އާބަންކޯގެ ބެލުމުގެ ދަށުގައި އޮތް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުވުމާ އެކު، ސިޓީ ކައުންސިލަށް ބަދަލުވި މުވައްޒަފުންގެ މުސާރައަށް ބަދަލު ނާންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކޮށް، އެ ހިދުމަތުގައި ހިމެނޭ މުވައްޒަފުން ސިޓީ ކައުންސިލަށް ބަދަލުކުރަން ނިންމި ނިންމުމާ އެކު ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އެއް އަހަރު ދުވަހަށް މުވައްޒަފުންގެ މުސާރައަށް ބަދަލު ނުގެނައުމަށް ނަމަވެސް، އޭގެ ފަހުންވެސް މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭ މަގުތަކާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމާއި މަގުމަތި ދިއްލުމުގެ އިތުރުން އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މީގެކުރިން ކުރީ އާބަންކޯއިންނެވެ. އެ ހިދުމަތްތައް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
އެމަނިކުފާނު ވަނީ ޖެނުއަރީ 1 އިން ފެށިގެން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.
ރައީސް އޮފީހުގައި އެންމެ ފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ގާނޫނުގައި ބަޔާން ކުރެވިފައިވާ ގޮތަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން އެކަމަށް އަމަލު ކުރަން ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އޮފީސްތަކާއި ސާމާނާއި ބިމުގެ އިތުރުން މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވި އިރުގައި ވެސް އެމަނިކުފާނު ކުރެއްވި އެންމެ ބޮޑު އެއް ޝަކުވާއަކީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ނެތުމުންނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޭރުގައި އޮތް އާބަންކޯގެ މެނޭޖްމަންޓާއި މާލެ ސިޓީ ކައުންސިލާ ދެމެދެ ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ވެސް އެކަން ދިޔައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!