ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 1.132 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެ، އެ ތަކެއްޗާއި ހަވާލުވާން އައި މީހާ ފުލުހުންނާއި ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް ބުނީ، މި މަސްތުވާ ތަކެތި އަތުލައިގެންފައި ވަނީ ޕޯސްޓް މެދުވެރިކޮށް ގެނައި ޕެކޭޖެއް ބަަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.
މި ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ގެނައި މި ޕެކޭޖު ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުވެގެން އިތުރަށް ބެލިބެލުމުން އޭގެ ތެރެއިން މަސްތުވާތަކެތި ފެނުނީކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މި ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ''ސިންތެޓިކް ކެތިނޯން'' އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މި ޕެކޭޖާއި ހަވާލުވުމަށް 20 އަހަރުގެ ދިވެހި ފިރިހެނަކު އައި ކަމަށާއި، އޭނާ ވަނީ ފުލުހުންނާއި ހަވާލުކޮށްފައިކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި ވެސް ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!