ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޝީލްޑް ޖާގަ ހޯދައިފިއެވެ.
ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗު ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބްގެ މައްޗަށް ޝީލްޑުން ކުރި ހޯދީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
މި މެޗުން ޝީލްޑް މޮޅުވުމާއިއެކު ގްރޫޕް ބީން ސެމީ ފައިނަލުގެ ޖާގަ މިވަނީ ޝީލްޑަށާއި ރޫހް އަށް ކަށަވަރުވެފައެވެ. ކުޅުނު ދެ މެޗުން ޝީލްޑަށާއި ރޫހް އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެން މި ގްރޫޕްގައި ހިމެނޭ ޑެޒަޔަރ ކްރޫއާއި ފަލްކަން ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުން ކަޓާފައެވެ. މި ގްރޫޕްގެ ފަހު މެޗުތަކުގައި ޝީލްޑް ނުކުންނާނީ ރޫހް އާއި ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއްވަނަ ލިބޭނެއެވެ. އެއްވަރު ވެއްޖެނަމަ ގްރޫޕްގެ އެއްވަނަ ލިބޭނީ ޝީލްޑަށެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޑެޒަޔަރ ކްރޫ އިންނެވެ. ފުރަތަމަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޖަހައިދިނީ ހުސެއިން ސިރާޖެވެ. މި މެޗުގައި ޝީލްޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ވެސް ތަނަވަސް ކޮށްފައެވެ.
މި މެޗުގައި ޝީލްޑްގެ ކެޕްޓަން ނައުފަލް އަބްދުލް ރައޫފް ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ. ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ އަބްދުﷲ އިޚްވާންއާއި އަހްމަދު މުޖުތަބާގެ އިތުރުން އަބޫބަކުރު ސިއްދީގެވެ.
މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ރިއަލް ސްޓާސްއާއި އަހުލީއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕް އޭގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނެއެވެ. މި މެޗު އެއްވަރު ވެއްޖެނަމަ ސެނީގެ ޖާގަ ލިބޭނީ ރިއަލް ސްޓާސްއަށެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!