ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާލިބޭ ފިލްމީތަރި މުހައްމަދު ޔުނާން އަލުން ބަންދުކުރަން ދައުލަތުން އެދިއްޖެ އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އެ މައްސަލައިގައި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރިތާ ދެ އަހަރު ފަހުން މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އަދި ޝަރުތުތަކާ އެކު ޔުނާން ދޫކުރީ މިމަހު އެވެ.
ޔުނާން އަލުން ބަންދުކޮށްދޭން އެދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ދައުލަތުން ހުށަހެޅީ ކޯޓުން ކަނޑައެޅި ޝަރުތަކާ ހިލާފުވެފައިވާތީ ކަމަށް ބުނެ އެވެ. އެއީ ޝަރުތާ ހިލާފަށް އޭނާ ގެއިން ބޭރުގައި އުޅޭ ކަމަށް ބުނެ އެވެ.
ޔުނާން ބަންދުން ދޫކޮށްލަން ނިންމި ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން މަސައްކަތް ދަނީ ކުރަމުންނެވެ. އެ މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް ކުރާއިރު، ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ. އެ މައްސަލަ މިހާރު އޮތީ ހުޅުމާލޭ ކޯޓުގައި ނިމުމަކާ ހިސާބުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!