މާލޭ ސިޓީގެ މޭޔަރު ހޮވުމަށާއި، ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ތާއީދާއެކު ވާދަކުރާ ކުރީގެ ޕޮލިސް ކޮމީޝަނަރު ހުސެއިން ވަހީދާއި ކައުންސިލަރުކަމަށް ވާދަކުރާ ތިން ކެންޑިޑޭޓުން އިއްޔެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅައިފިއެވެ.

މި ބޭފުޅުންނަކީ މިހާރު އުފެއްދުމުގެ މަރުހަލާގައި އޮތް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވާފައިވާ، އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި ރައީސް ޔާމީން އަރިހުގައި އިސްކޮށް އުޅުއްވާ ބޭފުޅުންކޮޅެކެވެ. ނަމަވެސް އެ ޕާޓީ އަދި ރަޖިސްޓަރީ ވެފައިނުވެއެވެ. އެހެންވެ މި ހަތަރު ބޭފުޅުން ވެސް ޔާމީންގެ ތާއީދާއެކު ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.

Ad
rt

މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ހުސެން އަކީ ޔާމީންގެ ދައުރުގެ ބައެއްގައި ޕޮލިސް ކޮމިޝަނާކަން ކުރެއްވުމުގެ އިތުރުން ފަހުން އޭރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް ވަޒީރަކަށް ހުންނެވި ބޭފުޅެކެވެ.

މި ބައި-އިލެކްޝަންގައި ވާދަކުރައްވަން އިތުރު ކެންޑިޑޭޓުން ވެސް މިހާރު ވަނީ ފޯމު ހުށަހަޅާފައެވެ. މިގޮތުން އެމްޑީޕީ އާއި، ޕީޕީއެމް/ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ވެސް ވަނީ އިއްޔެގެ ނިޔަލަށް އީސީ އަށް ފޯމު ވައްދާފައެވެ.

މި ބައި-އިލެކްޝަންގައި މާލޭ މޭޔަރުކަމަށް ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރެވެ. އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރަނީ އެމްޓީސީސީ އާއި އެސްޓީއޯ އަދި އެމްޑަބްލިޔުއެސްސީގެ ސީއީއޯ ކަމާއި އެމްޑީކަން ކުރިން ކުރެއްވި އާދަމް އާޒިމެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވަނީ ގަލޮޅު އުތުރު ދާއިރާގެ މިހާރުގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހެވެ.

މި ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، އަންނަ ޖެނުއަރީ 13 ވަނަ ދުވަހުއެވެ.