ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް މިއަދު ޢިއުލާން ކުރައްވައިފިއެވެ.
މުހުތާޒް މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ދަނގެތީ ދާއިރާއަށް ވާދަކުރައްްވާނެކަން ކުރިން ވެސް އޮތީ އަޑު ފެތުރިފައެވެ.
ރައީސް ޔާމީންގެ ދައުރުގެ ބައެއްގައި ޕީޖީގެ މަގާމު ފުރުއްވި، މުހްތާޒް މިއަދު ''އެކްސް'' މެދުވެރިކޮށްވަނީ ރަސްމީކޮށް އެކަން ޢިއުލާން ކުރައްވާފައެވެ.
''ގައުމީ ޚިދުމަތާއި ގުޅުމުގެ ހެޔޮނިޔަތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި، ދަނގެތި ދާއިރާގެ މެންބަރުކަމަށް ކުރިމަތިލުމަށް އަޅުގަނޑު ނިންމައިފިން. އަޅުގަނޑުގެ އިޚުލާސްތެރި އެދުމަކީ ދާއިރާގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން އަޅުގަނޑަށް ލިބުން.'' އެކަން ޢިއުލާން ކުރައްވަމުން މުހުތާޒް ވިދާޅުވެފަވެއެވެ.
ގާނޫނީ ވެރިކަން ދަމަހައްޓާނެކަމަށް ވިދާޅުވެ، މުހުތާޒްގެ ތާއީދު މުއިއްޒަށް
މުހުތާޒު މިކަން ޢިއުލާން ކުރެއްވި ނަމަވެސް އޭނާ ނުކުންނަވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައިކަން ނުވަނަ ވަކި ޕާޓީއަކުން ކަމެއް ވިދާޅެއްނުވެއެވެ. ނަމަވެސް އޭނާ އަކީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރެއްކަމުން، ބެލެވޭގޮތުގައި އޭނާ އެ ދާއިރާއަށް ވާދަކުރައްވަށްވާނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ހޯއްދަވައިގެންނެވެ.
މަޖިލިސް އިންތިޚާބުގައި ދަނގެތީ ދާއިރާ އަށް ނުކުންނަވަން މުހުތާޒް ނިންމެވިއިރު، އޭނާގެ އަނބިކަނބަލުންނަކީ ދަނގެތީ ދާއިރާގެ މައި ރަށް، ދަނގެއްޗަށް ނިސްބަތްވާ ބޭފުޅެކެވެ.
ކުރީގެ ޕީޖީ މުހުތާޒުގެ އިތުރުން ކުރީގެ ޕީޖީ އަހްމަދު މުއިއްޒު ވެސް މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެކަން ވަނީ ޢިއުލާން ކުރައްވާފައެވެ. މުޢިއްޒު ވާދަކުރައްވަނީ މާލޭގެ މައްޗަންގޮޅި އުތުރު ދާއިރާ އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!